ޓްރެއިނިންގ އޮން އިސްލާމިކް ކެޕިޓަލް މާކެޓްގެ ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.
މި ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި އިސްލާމިކް ޑިވެޕޮލްމެންޓް ބޭންކް (އައިޑީބީ) ގެ އިސްލާމިކް ރިސާޗު އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ކަމަށް ސީއެމްއެޑީއޭ އިން ބުނެ އެވެ.
މި ޕްރޮގްރާމު ކުރިއަށްގެންދަނީ ޖޫން 25 އިން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޓްރެއިނިންގ ޕްރޮގްރާމުގެ އަމާޒަކީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އިސްލާމިކް ކެޕިޓަލް މާކެޓަށް ޝައުގުވެރިކުރުމާއި އެފަރާތްތައް މިދާއިރާއަށް ހޭލުންތެރިކޮށް އިސްލާމިކް ފައިނޭންސްގެ ޕްރޮޑަކްޓްތަކަށް އަހުލުވެރި ކުރުމަށް ކަމަށް ސީއެމްޑީއޭ އިން ބުނެ އެވެ. އިސްލާމިކް ކެޕިޓަލް މާކެޓާއި އިސްލާމިކް ބޭންކިންގ އާ ބެހޭ އަސާސީ މަފްހޫމްތައް ޕްރޮގްރާމުގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އިސްލާމީ މާލީ ހިދުމަތްތަކުގެ ރެގިއުލޭޓަރީ ނިޒާމާއި ސުކޫކް ސްޓްރަކްޗަރ ކުރުމާއި އެސެޓްސް ސެކިއުރިޓައިޒޭޝަނާއި އިސްލާމިކް ކެޕިޓަލް މާކެޓްގައި ހުރި ގޮންޖެހުންތަކާއި ޝަރީއާ ކޮމްޕްލަޔަންޓް ލިކުއިޑިޓީ މެނޭޖްމަންޓާބެހޭ މައުލޫމާތު މި ޕްރޮގްރާމުގެ ބައިވެރިންނާ ހިއްސާ ކުރެވިގެންދާނެ ކަމަށް ވެސް ސީއެމްޑީއޭ އިން ބުނެ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ދެނީ އިސްލާމިކް ރިސާޗު އެންޑް ޓްރެއިންނިންގ އިންސްޓިޓިއުޓްގެ ފަރާތުން އިސްލާމިކް ފައިނޭންސްގެ ތަޖުރިބާކާރު ފަރާތް ޑރ އުސްމާން ބަބިކްރު އާއި އިސްލާމިކް ފައިނޭންސް އަދި އިސްލާމިކް ކެޕިޓަލް މާކެޓްގެ ރޮނގުން ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ގޮތުން އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ޑރ އާއިޝަތު މުނީޒާއެވެ.