ފަސް އަހަރުގެ ކުޑަކުއްޖަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މަންމަ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަމިއްލަ ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި 27 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، އެ އަންހެން މީހާގެ ބަންދަށް އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް އޭނާގެ މަންމަ ކުރި އަނިޔާތަކާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދަންޖެހުނެވެ. އެ މައްސަލަ ޖެންޑާ މިނިސްޓްރީން ވެސް ތަހުގީގު ކުރަން ފަށާފާއިވާއިރު، އެ މިނިސްޓްރީ މެދުވެރިކޮށް އެ ކުއްޖާ ވަނީ އެހެން މީހަކާ ހަވާލުކޮށްފައެވެ.