އެމްޑީޕީން ދަނީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ކޮންގްރެސް އެއް ބޭއްވޭތޯ މަސައްކަތް ކުރަމުން ކަމަށާއި މިކަމަށް ސަރުކާރުން ހުރަސް އަޅާނަމަ އިލެކްޝަން ކޮމިޝަނުން ފުލުހުން ފޮނުވައިގެން ނަމަވެސް ސަރުކާރު ހުއްޓުވަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އެންމެ ބޮޑަށް ބާރު އަޅާ އެއްކަމަކީ ސިޔާސީ ޕާޓީތައް ހިގަނީ ގާނޫނުތަކާއި އެ ޕާޓީގެ އަސާސީ ގަވާއިދުތަކާއި އެއްގޮތަށްތޯ ބެލުން ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ކޮންގްރެސް ބާއްވަން މަސައްކަތް ކުރަމުންދާއިރު އެކަމަށް މަގު ފަހި ކޮށްދިނުމަކީ އިލެކްޝަން ކޮމިޝަންގެ މަސްއޫލިއްޔަތެއްކަން ހަސަން ލަތީފް ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮންގްރެސްގެ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ހުކުރު ދުވަހު ކޮންގްރަސްގައި ބައިވެރިވުމަށް ރަޖިސްޓްރީވުން މާލޭގައި ހުންނަ އެމްޑީޕީ މައި ހަރުގޭގައި އޮންނާނެ ކަމަށެވެ. އެ ދުވަހު ހެނދުނު 8:30 އިން 10:00 އަކަށް ރަޖިސްޓްރީވުން ކުރިއަށް ދާނެ ކަމަށާއި މެންދުރުފަހު 14:00 އިން 18:00 އަށްވެސް ހަރުގޭގައި މި ހަރަކާތް ކުރިއަށް ދާނެ ކަމަށެވެ. އަދި އެރޭގައި އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާއެއް ހަރުގޭގައި އޮންނާނެތީވެ ރަޖިސްޓްރޭޝަން ކުރިއަށް ގެންދާނީ ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީހުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ލަތީފް ވިދާޅުވީ ހޮނިހިރު ދުވަހު ހެނދުނު ކޮންގްރެސްގެ އެންމެ ބައިވެރިން އުކުޅަހަށް ދިއުމަށް ހަމަޖެހިފައިވަނީ އެކުގައި ކަމަށެވެ.
ޖޫން ތިރީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްގެ ލޯގޯ ލޯންޗް ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮންގްރެސް ކޮމިޓީގެ ޗެއަރ އަލްފާޟިލް އަލީ ހާޝިމްއެވެ.