ކ. މާލެ
|
22 ޖޫން 2018 | ހުކުރު 22:39
މި މެޗުގައި ބްރެޒިލްގެ ލަނޑުތައް ޖެހި ނޭމާ އަދި ކުޓީނިއޯ - ނޭމާއަކީ ބްރެޒިލްގެ ގައުމީ ޓީމަށް ތިންވަނައަށް އެންމެ ގިނައިން ލަނޑު ޖަހައިިދން ކުޅުންތެރިޔާ
މި މެޗުގައި ބްރެޒިލްގެ ލަނޑުތައް ޖެހި ނޭމާ އަދި ކުޓީނިއޯ - ނޭމާއަކީ ބްރެޒިލްގެ ގައުމީ ޓީމަށް ތިންވަނައަށް އެންމެ ގިނައިން ލަނޑު ޖަހައިިދން ކުޅުންތެރިޔާ
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ވާރލްޑް ކަޕް: ނޭމާ އަދި ކުޓީނިއޯގެ ލަނޑުތަކުން ބްރެޒިލް މޮޅުވިއިރު ކޮސްޓަރިކާ ކަޓައިފި
މި މެޗުން ބްރެޒިލް މޮޅުވީ 2-0 ގެ ނަތީޖާއަކުން
މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި ބްރެޒިލްއިން ހޯދި ފުރަތަމަ މޮޅު
ދެ މެޗުން ވެސް ބަލިވެ ކޮސްޓަ ރިކާ ވަނީ ކަޓާފައި

ފީފާ ވާރލްޑް ކަޕްގައި ކޮސްޓަ ރިކާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ނޭމާ އަދި ފިލިޕޭ ކުޓީނިއޯ ޖެހި ލަނޑުތަކާއެކު ބްރެޒިލް މޮޅުވިއިރު މުބާރާތުން ކޮސްޓަ ރިކާ ކަޓައިފިއެވެ.

ސެއިންޓް ޕީޓަސްބަރގްގައި ހުންނަ ނިއު ޒެނިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ބްރެޒިލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މީގެކުރިން މި ދެ ޓީމު ވަނީ ބައިނަލްއަގްވާމީ 10 މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން ނުވަ މެޗު ބްރެޒިލްއިން ކާމިޔާބުކުރިއިރު ކޮސްޓަ ރިކާ މޮޅުވެފައިވަނީ 1960 ވަނަ އަހަރުގެ މާޗް މަހު ކުޅުނު މެޗެއްގައެވެ. ހަމައެހެންމެ މިއީ ވާރލްޑް ކަޕެއްގައި މި ދެ ޓީމު ކުޅުނު ތިންވަނަ މެޗެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ނޭމާއަށް ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ މި މެޗުގައި ބްރެޒިލްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ފުރަތަމަ އެގާރާގައި ހިމެނުނު ޑެނީލޯގެ ބަދަލުގައި ކުޅެން މިމެޗުގައި އެރީ ފެގްނަރއެވެ. ކޮސްޓަ ރިކާގެ ފުރަތަމަ އެގާރައިން ވެސް މި މެޗުގައި އެއް ބަދަލު ފެނިފައިވެއެވެ.

ފުރަތަމަ ހާފު ފެށިގެން ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ބްރެޒިލްއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި ބްރެޒިލްގެ ގެބްރިއެލް ޖީސަސް ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ. މި އޮފަސައިޑް ލަނޑަށް ފަހުވެސް ބްރެޒިލްގެ ކުޅުންތެރިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވެސް ބްރެޒިލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ބްރެޒިލްގެ ކުޅުންތެރިން އުފައްދަމުންދިޔަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކޮސްޓަ ރިކާގެ ކީޕަރު ކޭލާ ނަވާސްއެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ބްރެޒިލްއަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނަމަވެސް ވީޑިއޯ ރިޕްލޭތަކަށް ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފައެވެ.

ބްރެޒިލްއަށް ކޮސްޓަ ރިކާގެ ގޯލު ހުޅުވާލެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފިލިޕޭ ކުޓީނިއޯއެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ޖަހައިދިނީ ނޭމާއެވެ.

މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި ބްރެޒިލްއިން ހޯދި ފުރަތަމަ މޮޅެވެ. ކުރިޔަށް އޮތް މެޗުގައި ސާބިއާ އާއި ދެކޮޅަށް ބްރެޒިލް ނުކުންނައިރު ކޮސްޓަ ރިކާ ނުކުންނާނީ ސްވިޓްޒަލެންޑް އާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް