ކޭބަލް ޓީވީ ޚިދުމަތް ދެމުން އަންނަ މީޑިއާނެޓުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެންގުމެއް ނެތި ޕެކޭޖްތަކަށް ބަދަލު ގެނައުމާ ގުޅިގެން އެ ކުންފުނިން ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ފާސްކޮށްދީފައިވާ ޕެކޭޖާ ހިލާފަށް ޕެކޭޖަކަށް ބަދަލު ގެނެސްގެން ހިދުމަތްދީފައިވާތީ ކަމަށް ބުނެ މީޑިއާނެޓް ޖޫރިމަނާ ކޮށްފައި ވަނީ 52،000ރ އަށެވެ.
ބްރޯޑްކޮމް އިން ބުނީ، މީޑިއާނެޓް ޖޫރިމަނާ ކުރީ އެކުންފުންޏަށް ފާސްކޮށްދީފައިވާ 'ހިޓްސް' ޕެކޭޖާއި މީޑިއާ ނެޓުން ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގައި ހިމަނާފައިވާ 'ހިޓްސް' ޕެކޭޖުގެ ޗެނަލްތަކުގައި ތަފާތުތަކެއް ހުރުމުން ކަމަށެވެ. އަދި މީޑިއާ ނެޓް ހިޓްސް ޕެކޭޖްގައި ހިމެނޭ އަސާސީ ޕެކޭޖަށް މީޑީއާ ނެޓުން ބަދަލު ގެނެސްފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.
މިގޮތުން ހިޓްސް ޕެކޭޖަށް ކޮމިޝަނަށް އެންގުމެއް ނެތި 3 ފަހަރަށް ބަދަލު ގެނެސްފައި ވާތީ ކޮންމެ ފަހަރަކަށް 2000ރ. ގެ މަގުން ޖުމުލަ 6000ރ. އިން މީޑިއާ ނެޓު ވަނީ ޖޫރިމަނާ ކޮށްފައެވެ.
ބްރޯޑްކޮމްއިން ބުނީ މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިނުވާ 23 ޗެނަލް ހިމަނައިގެން "މީޑީއާ ނެޓް ހިޓްސް ޕެކޭޖް" ގެ ޚިދުމަތް ދީފައިވާ ކަމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2,000ރ. މަގުން 23 ޗެނަލަށް ޖުމްލަ 46,000ރ. އިން މީޑިއާނެޓް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ޖޫރިމަނާ ފައިސާގެ ގޮތުގައި 52000ރ. މީޑިއާ ނެޓުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައްކަންޖެހެއެވެ.