ކ. މާލެ
|
22 ޖޫން 2018 | ހުކުރު 10:48
އޯޕެކްގެ ބައްދަލުވުން ދިމާވެފައި ވަނީ މެމްބަރު ޤައުމުތަކުގެ މެދުގައި މައްސަލަ ބޮޑު ދުވަސްވަރަކާ
އޯޕެކްގެ ބައްދަލުވުން ދިމާވެފައި ވަނީ މެމްބަރު ޤައުމުތަކުގެ މެދުގައި މައްސަލަ ބޮޑު ދުވަސްވަރަކާ
ރޮއިޓަރސް
ތެލުގެ އަގުތައް
މިއަދަށް ފަހު ތެލުގެ އަގަށް ބަދަލު އަތުވެދާނެ!
ބައްދަލުވުމާ ދިމާކޮށް ވެސް ތެލުގެ އަގު ހެޔޮވި

ތެޔޮ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ޖަމިއްޔާ އޯޕެކްގެ ބައްދަލުވުމެއް ހުކުރު ދުވަހު އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ބާއްވާއިރު، ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމާ ބެހޭ ގޮތުން މެމްބަރު ޤައުމުތަކުގެ މެދުގައި އަދިވެސް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ދަށަށް ގޮސް، ތެޔޮ ނަގާ ޤައުމުތަކުގެ އިޤްތިޞާދަށް އެކަމުގެ ސަބަބުން އަސަރުކުރަން ފެށުމުން ފާއިތުވި ދޮޅު ވަރަކަށް އަހަރު ގިނަ ޤައުމުތަކަކުން ވަނީ ތެޔޮ ނަގާ މިންވަރު ކޮންޓްރޯލްކޮށްފައެވެ. އެހެންނަމަވެސް އޯޕެކްގެ އެންމެ ބާރުގަދަ އެއް ޤައުމު ކަމަށްވާ ސަޢޫދީ ޢަރަބިއްޔާ އާއި އޯޕެކްގައި ނުހިމެނޭ، އެހެން ނަމަވެސް ގިނަ އަދަދަކަށް ތެޔޮ ނަގާ ޤައުމެއް ކަމަށްވާ ރަޝިޔާ އިން ގެންދަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ބާރު އަޅަމުންނެވެ. 

އެހެން ނަމަވެސް އީރާނުން ގެންދަނީ ތެޔޮ ނަގާ މިންވަރު އިތުރުކުރުމަށް ދެކޮޅު ހަދަމުންނެވެ. އަދި އީރާނުގެ ނިންމުމަށް އޯޕެކްގެ އެހެން ޤައުމުތަކުން ވެސް ތާޢީދުކުރާއިރު، ސަޢޫދީގެ ހުށަހެޅުން އީރާނުން ވީޓޯ ކުރާނެ ކަމަށް ބެލެވެއެވެ. 

ތެޔޮ ނަގާ މިންވަރު އިތުރުކުރުމަށް އީރާނުން ދެކޮޅު ހަދާ މައިގަނޑު އެއް ސަބަބަކީ އެމެރިކާ އިސްވެ އޮވެ އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ލިބޭ އިޤްތިޞާދީ ގެއްލުންތައް ފޫބެއްދުމަށް ތެލުގެ އަގު ހިފެހެއްޓުމަކީ އީރާނަށް މަޖުބޫރު ވެފައިވާ ކަމެކެވެ. 

އަނެއްކޮޅުން އީރާނާއި ވެނެޒުއޭލާ އިން ތެޔޮ އުފައްދާ މިންވަރު އިތުރުނުކޮށްފި ނަމަ 2019 ވަނަ އަހަރުގެ ފަހުކޮޅަށް ދާއިރު ދުނިޔޭގެ ބާޒާރަށް ދުވާލެއްގެ މައްޗަށް ބޭނުންވާ ތެލުގެ ތެރެއިން 1.5 މިލިއަން ފީފާގެ ތެޔޮ ނުލިބިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ބައިނަލްއަޤްވާމީ ހަކަތައާ ބެހޭ އިދާރާ، އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީ (އައި.އީ.އޭ) ވަނީ އިންޒާރު ދީފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ޤައުމުތަކުން ނިންމި ނަމަވެސް، އެކަމަށް އަމަލީ ސިފަ އަންނަން ދުވަސްކޮޅެއް ނަގާނެއެވެ. އެހެންނަމަވެސް އޯޕެކްގެ ބައްދަލުވުމުގައި ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ބާޒާރުގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށް ލަފާކުރެވެއެވެ.

އޯޕެކްގެ ބައްދަލުވުމާއި ދިމާކޮށް، ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އެޖަމިއްޔާ އިން ނިންމަފާނެ ކަމަށް އަންދާޒާކޮށް، ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގުވަނީ ކޮންމެވެސް ވަރަކަށް ހެޔޮވެފައެވެ. 

އޯޕެކްގެ 14 ޤައުމު މިއަދު ވިއެނާގައި ބައްދަލުކުރާއިރު، މެމްބަރު ޤައުމުތަކުގެ މެެދުގައި ސިޔާސީ ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފައެވެ. ސިޔާސީ އަދި އިޤްތިޞާދީ މައްސަލަތަކުގެ މެދުގައި ޤައުމުތަކަށް އެއްގަލަކަށް އެރޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް މުހައްލިލުން ބުނެއެވެ. 

އޯޕެކްގެ މެމްބަރު ޤައުމުތަކަކީ ތެޔޮ ނަގާ މިންވަރު ކޮންޓްރޯލްކުރުމާއި، އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެންވާ ޤައުމުތަކެކެވެ. އެހެންކަމުން ތެޔޮ ނަގާ މިންވަރު އިތުރުކޮށް، އޯޕެކްގެ ލީޑަރޝިޕް ނެގުމަށް އެމެރިކާ އިން ވެސް ގެންދަނީ ސަޢޫދީއަށް ބާރުއަޅަމުންނެވެ. އެމެރިކާއަކީ އޯޕެކްގެ މެމްބަރު ޤައުމެއް ނޫނެވެ. 

ދުނިޔޭގެ ބާޒާރުގައި 2014 ވަނަ އަހަރުން ފެށިގެން ތެލުގެ އަގު ހެޔޮވާން ފެށީ ތެޔޮ ނަގާ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެންނެވެ. ތެޔޮ އުފައްދާ މިންވަރު މަދުކޮށް، ކޮންޓްރޯލްކުރުމަށް ޤައުމުތަކުން ނިންމީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ތެޔޮ ފީފާއެއްގެ އަގު 25 ޑޮލަރަށް ވެއްޓުމާއި ގުޅިގެންނެވެ. އަދި ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލްކުރުމަށް 2017ވަނަ އަހަރުގެ ޖެނުއަރީ މަހު އޯޕެކުން ނިންމައި، ބާޒާރުގައި ހުރި އިތުރު ތެޔޮ ހުސްކުރިއެވެ. އަދި އެއާ އެކު ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް ވުރެ މައްޗަށް ދިޔައެވެ. 

ތެޔޮ ނަގާ މިންވަރު އިތުރުކުރުމަށް އޯޕެކުން ރަސްމީ ނިންމުމެއް މިއަދު ނުނިންމައިފި ނަމަ، ތެލުގެ ބާޒާރަށް ޑިމާންޑާ އެއް ވަރަކަށް ސަޕްލައިކުރުމަށް ސަޢޫދީ އިން އެކަނި ވެސް 250،000 ފީފާގެ ތެޔޮ ނަގަން ފަށާފާނެ ކަމަށް މުހައްލިލުން އަންދާޒާކުރެއެއެވެ. އަދި އޭގެ ނަތީޖާއަކަށް ވެގެންދާނީ އޯޕެކްގެ މެމްބަރުންގެ ގޮތުގައި ނުހިމެނޭ ތެޔޮ ނަގާ 10 ޤައުމުން ވެސް ތެޔޮ ނަގާ މިންވަރު އިތުރުކުރުން ކަމަށާއި، އެހިސާބުން މުޅި ބާޒާރު ބޮއްސުންލާނެ ކަމަށް މުހައްލިލުން ބުނެއެވެ.

- ކޮމެންޓް