ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 14:58
ރަޝިއާގެ ޕާކެއްގައި އިށީދެގެން އިން މުސްކުޅި މީހެއް
ރަޝިއާގެ ޕާކެއްގައި އިށީދެގެން އިން މުސްކުޅި މީހެއް
ގެޓީ އިމޭޖަސް
ރަޝިއާގެ މަޝްރަހު
ރަޝިއާގެ މީހުންނަށް ޕެންޝަން ލިބޭ އުމުރު މަތި ކުރުމުން ރުޅިގަދަ ވެއްޖެ
މިވީ ގޮތުން މުސްކުޅިވާއިރު، ދުނިޔޭގައި ނުތިބޭނެ
އެހެން ކަމުން ޕެންޝަން ނެގުމުގެ ބޭނުމަކީ ކޮބައި
20 ޕަސަންޓުގެ ވެލިއު އެޑެޑް ޓެކްސްއެއް ނެގުމަށް ހުށަހެޅި

ވޯލްޑްކަޕް ފޯރީގައި ރަޝިއާ އޮއްވާ، އެ ގައުމުގެ ރައްޔިތުންނަށް ޕެޝަން ލިބޭ އުމުރު މަތިކުރުމުން، ގިނަ އާންމުން އެކަމުގެ ކަންބޮޑުވުންފާޅުކޮށް އަޑުއުފުލަން ފަށައިފިއެވެ.

ދުނިޔޭގެ އެންމެ ބިން ބޮޑު ގައުމު، ރަޝިއާގެ ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފައިވާ ގަރާރުގައި ބުނެފައިވާ ގޮތުން ޕެންޝަން ލިބޭ އުމުރަކީ އެ ގައުމުގެ މީހުން ދުނިޔޭގައި ތިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އުމުރަށް ވުރެން މަތީ އުމުރެކެވެ. އެކަމާ މެދު އާންމުން ތެރޭގައި ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، އެ މީހުން ވަނީ އެކަމުގެ ސަބަބުން ޕެންޝަނަށް ވާނެ ގޮތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ.

އާންމުން ބުނީ އެ ގަރާރު ފާސް ވެއްޖެނަމަ ޕެންޝަން ލިބޭ އުމުރު އަންނަން ވާއިރަށް ގިނަ ބަޔަކު ދުނިޔޭގައި ނުތިބޭނެ ކަމަށާއި އެހެން ކަމުން ޕެންޝަން ލިބިދިނުމުގެ ނިޒާމެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

"ޑާޓާފާމް ވޯލްޑް ބޭންކުން" އަންދާޒާ ކުރާ ގޮތުގައި ރަޝިއާގެ ފިރިހެނުންގެ ތެރެއިން 65 އަހަރު ފުރުމުގެ ނަސީބު ލިބޭނީ އެންމެ 57 ޕަސެންޓް މީހުނަށެވެ. އެ އަދަދު ފާއިތުވި 50 އަހަރުގައި ވެސް ބަދަލުވެފައެއް ނުވެއެވެ. އެއާ ޚިލާފަށް ރަޝިއާގެ އަންހެންގެ އުމުރު އާންމު ގޮތެއްގައި އުޅެނީ 75 އަހަރުން މަތީގައެވެ.

ރަޝިއާގެ ބޮޑުވަޒީރު މިދްވީދިވް ހުށަހެޅި ގަރާރު ވަނީ ޕެންޝަން ލިބޭނެ އުމުރު ފިރިހެނުންނަށް 60 އިން 65، އަންހެނުންނަށް 55 އިން 63 އަށް ބަދަލު ކުރަން ހުށަހަޅާފައެވެ.

ހަމަ އެއާއެކު އާންމު ރައްޔިތުން ވަނީ ސަރުކާރުން ހުށައެޅި އެ ގަރާރުގެ އެހެން ނުކުތާއެއްވެސް، ފާހަގަކޮށް އެ ނުކުތާއާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައްޔިތުން ދެވަނަ އަށް ކަންބޮޑުވުން ފާޅު ކުރި ނުކުތާގައި ވަނީ، 20 ޕަސަންޓުގެ ވެލިއު އެޑެޑް ޓެކްސްއެއް ރައްޔިތުންގެ އަތުން ނެގުމެވެ.

އާންމުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުގެ އެ ގަރާރު އާންމުނަށް އިއުލާން ކޮށްފައިވާ ވަގުތަކީ ވަރަށް ބޮޑު ރޭވިގެން، ރަނގަޅު ވަގުތެއް ހޯދުމަށްފަހު އިއުލާން ކޮށްފައިވާ ގަރާރެކެވެ. ރައްޔިތުން އެހެން ތުހުމަތު ކޮށްފައިވަނީ ސަރުކާރުން މި ޕްރޮޕޯސަލް ނެރުނު ވަގުތާއި ރަޝިއާއިން ފަސް ގޯލާއެކު ފީފާ ވޯލްޑް ކަޕްގެ 2018 ވަނަ އަހަރުގެ ފުރަތަމަ މެޗް ކާމިޔާބު ކުރި ވަގުތާއި ދިމާވުމުގެ ސަބަބުންނެވެ. އެކަން އެހެން ކުރީ ރައްޔިތުންގެ ރުޅި ކޮންޓްރޯލް ކުރުމަށް ކަމަށް ވެސް ރައްޔިތުން ތުހުމަތު ކުރެއެވެ.

"އެންމެންވެސް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބެލުމުގެ ފޯރީގައި ތިއްބާ، މިދްވީދިވް ހަމަ ހުރެފައި އިއުލާން ކުރީ ރަޝިއާގައި ޕެންޝަން ލިބޭ އުމުރު މަތި ކުރަން ހުށަހަޅާނެ ކަމަށް" ޔޮޝްކިން މޯލް ޓުވިޓާގައި ބުންޏެވެ.

"އަހަރެން ބުނާ ވާހަކަ އަޑުއަހާ: މި ހުށަހެޅުން ތަސްދީގު ވެއްޖިއްޔާމުން ރަޝިއާގައި 43 ޕަސެންޠް ފިރިހެނުން އެ މީހުން މުސްކުޅިވާ އުމުރު ދެކޭ ކަށެއް ދުނިޔެއަކު ނުހުންނާނެ"

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި ބުރާސްފަތި ދުވަހު އެ ގަރާރަށް ބަހުސް ކުރަން ފަށާފައިވާއިރު، ސޯޝަލް މީޑިއާގައި ބުނަމުންދަނީ ރަޝިއާގައި ޕެންޝަން ލިބެނީ، މަރުވާ އުމުރު ހަމަވާ ފަހުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް