ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 18:32
މާލޭގެ ވިޔަފާރި ބަނދަރު - މޭ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައި ވަނީ ޗައިނާ އިން
މާލޭގެ ވިޔަފާރި ބަނދަރު - މޭ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައި ވަނީ ޗައިނާ އިން
ކަސްޓަމްސް
ކަސްޓަމްސް ތަފާސް ހިސާބު
މޭ މަހު އެކްސްޕޯޓުކުރި މިންވަރު ދަށް ވެއްޖެ
ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 މޭ މަހާ އަޅާބަލާއިރު 38 އިންސައްތަ ވަނީ ދަށްވެފައި

މި ދިޔަ މޭ މަހު ރާއްޖެއިން އެކްސްޕޯޓުކުރި މިންވަރު ދަށް ވެއްޖެ އެވެ.

އެކަމަކު ފާއިތުވި މޭމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ މޭމަހާ އަޅާބަލާއިރު 3 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މޭމަހު ދިވެހިރާއްޖެއަށް 3.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ މޭ މަހު މިއަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު، ޔޫއޭއީ އިން 17 އިންސައްތަ އަދި ސިންގަޕޫރުން 14 އިންސަައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ. އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ މޭމަހާއި އަޅާބަލާއިރު ހުސްވި މޭ މަހު 10 އިންސައްތަ ދަށްވެފައެވެ. މިއަހަރުގެ މޭ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 215 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ މޭ މަަހު 240 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި މޭމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 މޭމަހާ އަޅާބަލާއިރު 38 އިންސައްތަ ވަނީ ދަށްވެފައިވެއެވެ. 2017 ވަނަ އަހަރުގެ މޭމަހު 326 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، 2018 ވަނައަހަރުގެ މޭމަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 201 މިލިއަން ރުފިޔާ އަށް ދަށްވެފައެވެ. މި އަހަރުގެ މޭމަހު އެކްސްޕޯޓް ކުރި މިންވަރު ދަށްވެފައި ވަނީ މޭމަހުގެ ތެރޭގައި ރާއްޖެއަށްކުރި ވިއްސާރައިގެ ސަބަބުން މަސްވެރިކަން ދަށްވެފައިވާތީކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ މޭ މަހު އެކްސްޕޯޓްކުރި މުދަލުގެ 38 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 14 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. ފަރަންސޭސިވިލާތަށް 11 އިންސައްތަ އެކްސްޕޯޓްކޮށްފައިވާއިރު އެމެރިކާއަށް 6 އިންސައްތަ އަދި އިނގިރޭސިވިލާތަށް 5 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.

- ކޮމެންޓް