ކ. މާލެ
|
18 ޖޫން 2018 | ހޯމަ 21:21
2016 ވަނަ އަހަރަށް ވުރެ 4.5 އިންސައްތަ އާމްދަނީ މިއަހަރު އިތުރު
2016 ވަނަ އަހަރަށް ވުރެ 4.5 އިންސައްތަ އާމްދަނީ މިއަހަރު އިތުރު
މުހައްމަދު ޝަރުހާން
މީރާގެ އަހަރީ ރިޕޯޓް
މީރާގެ އަހަރީ ރިޕޯޓް: 2017 ވަނަ އަހަރު އާމްދަނީ 15.19 ބިލިއަން!
މުޅި އަހަރު ތެރޭގައި ބަލައިގަތް ޖުމުލަ އާމްދަނީގެ 77.9 އިންސައްތަ އަކީ ޓެކުހުގެ ގޮތުގައި ލިބިފައިވޭ

2017ވަނަ އަހަރު، އާމްދަނީގެ ގޮތުގައި މީރާއަށް 15.19 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާގެ އަހަރީ އާއްމު ރިޕޯޓުން ހާމަކޮށްފިއެވެ.

މިއަހަރު މީރާއަށް ބަލައިގަތް އާމްދަނީ ވަނީ 2016 ވަނަ އަހަރު ބަލައިގަތް ޖުމުލަ އާމްދަނީއަށްވުރެ 4.5 އިންސައްތަ އިތުރު ވެފައެވެ. ހަމަ އެހެންމެ، މިއީ މި އަހަރު ބަލައިގަންނާނޭކަމަށް އަންދާޒާކުރި އާމްދަނީއާ އަޅައިބަލާއިރު 4.2 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ބުނެއެވެ.

2017 ވަނަ އަހަރު ބަލައިގަތް އާމްދަނީ އިތުރުވެފައިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ޖީއެސްޓީގެ ގޮތުގައި ދައްކާފައިވާ ޓެކްސްއާއި އެއަރޕޯޓު ސަރވިސް ޗާޖާއި، ބޭންކް ޕްރޮފިޓް ޓެކްސްއާއި ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ބަލައިގަނެފައިވާ އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން، މި އަހަރުގެ ތެރޭގައި އިތުރު އާމްދަނީތަކެއް ބަލައިގަންނަން ފަށާފައިވުން ވެސް ހިމެނެއެވެ. މި އަހަރު އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީއެސް.ޓީ އާއި ބީޕީޓީގެ ގޮތުގައެވެ.

އެގޮތުން ޖުމުލަ އާމްދަނީގެ 45.1 އިންސައްތަ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ހިއްސާކުރާއިރު، ޖުމުލަ އާމްދަނީގެ 17.6 އިންސައްތަ އަކީ ބީޕީޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އާމްދަނީގެ ބޮޑުބައި ހިއްސާކުރާ އެހެން ރެވެނިއު ކޯޑުތަކަކީ ރިޒޯޓުތަކުގެ ކުލި، އެއަރޕޯޓް ސަރވިސް ޗާޖު، ގްރީން ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކްސް އެވެ.

މި އަހަރު އެންމެ ގިނަ އާމްދަނީ ލިބުނު 6 ރެވެނިއު ކޯޑުން ރެކޯޑުކުރެވުނު އާމްދަނީ، ޖުމުލަ އާމްދަނީގެ 85.5 އިންސައްތަ ހިއްސާކުރެއެވެ. އަދި މުޅި އަހަރު ތެރޭގައި ބަލައިގަތް ޖުމުލަ އާމްދަނީގެ 77.9 އިންސައްތަ އަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީކަމަށް މީރާގެ އަހަރީ ރިޕޯޓުން ދައްކައެވެ.

- ކޮމެންޓް