ކ. މާލެ
|
18 ޖޫން 2018 | ހޯމަ 20:38
ރޯޖާ ފެޑެރާ މުބާރާތުގެ އެއްވަނައަށް ދޭ އިނާމްތަކާއެކު
ރޯޖާ ފެޑެރާ މުބާރާތުގެ އެއްވަނައަށް ދޭ އިނާމްތަކާއެކު
އޭއެފްޕީ
އޭޓީޕީ ވާރލްޑް ޓުއަރ
މާސިޑީސް ކަޕްގެ ޗެމްޕިއަންކަން ފެޑެރާ ހޯދައިފި
އޭނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކެނެޑާގެ މިލޯސް ރައޯނިޗް ސީދާ ދެ ސެޓުން ބަލިކޮށްގެން

ޖަރުމަނުގެ ސްޓުޓްގާޓްގައި ކުރިޔަށްދިޔަ އޭޓީޕީ މާސިޑީސް ކަޕްގެ ޗެމްޕިއަންކަން ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ ހޯދައިފިއެވެ.

އޭނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކެނެޑާގެ މިލޯސް ރައޯނިޗް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ފެޑެރާ ގެންދިޔައީ 6-4 އަދި 7-6 އިންނެވެ. މިއީ ފާއިތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފެޑެރާ ބައިވެރިވި ފުރަތަމަ މުބާރާތަށް ވާއިރު އޭނާ މިއަހަރުގެ ކްލޭ ކޯޓު ސީޒަނުގައި ކުޅެފައެއް ނުވެއެވެ. އޭނާ މިހާރު ތައްޔާރުވަމުންދަނީ ވިނައިގައި ކުޅޭ އެންމެ ޝަރުފުވެރި މުބާރާތް ކަމަށްވާ ވިމްބެލްޑަން މުބާރާތަށެވެ.

ފެޑެރާ ފައިނަލުން ޖާގަ ހޯދީ އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރި ހޯދައިގެންނެވެ. ހަމައެހެންމެ  ދުނިޔޭގެ 35 ވަނައިގައި ރޭންކް ކުރެވިފައިވާ ރައޯނިޗް ފައިނަލަށް ދަތުރުކުރީ މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކުރި ކެނެޑާގެ ލޫކަސް ޕުޔީ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

މުބާރާތުގެ މޮޅުވުމަށްފަހު ވާހަކަ ދައްކަމުން ފެޑެރާ ބުނީ މިއީ ވަރަށް ރަނގަޅަށް ދިޔަ މުބާރާތެއް ކަމަށާއި އަލުން އެނބުރި ކުޅުމުގެ ތެރެއަށް އެނބުރި އައިސް މުބާރާތް ކާމިޔާބު ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ. އޭނާ ބުނީ އަލުން އެނބުރި އެއްވަނަ މަގާމަށް ދެވުމަކީ ވިމްބެލްޑަން މުބާރާތް ކާމިޔާބުކުރުމަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށެވެ.

ފެޑެރާ ވިމްބެލްޑަން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދެން ނުކުންނާނީ ގެރީ ވެބަރ އޯޕަން ކާމިޔާބު ކުރުމަށެވެ. އޭނާއަކީ މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ.

މާސިޑީސް އޯޕެން ވެގެންދިޔައީ ފެޑެރާގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 98 ވަނަ މުބާރާތަށެވެ. ހަމައެހެންމެ މި މުބާރާތާއެކު ފެޑެރާ ވަނީ އަލުން އެނބުރި ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް