ކ. މާލެ
|
18 ޖޫން 2018 | ހޯމަ 12:08
ކޮލަމްބިއާގެ އިންތިޚާބު ކާމިޔާބުކުރެއްވި އިވަން ދޫކޭ އާއިލާ އާއި ސަޕޯޓަރުންނާ އެކު ކާމިޔާބީ ފާހަގަކުރައްވަނީ
ކޮލަމްބިއާގެ އިންތިޚާބު ކާމިޔާބުކުރެއްވި އިވަން ދޫކޭ އާއިލާ އާއި ސަޕޯޓަރުންނާ އެކު ކާމިޔާބީ ފާހަގަކުރައްވަނީ
ބީބީސީ
ކޮލަމްބިއާގެ އިންތިޚާބު
ކޮލަމްބިއާގެ އިންތިޚާބު އިވަން ދޫކޭ ކާމިޔާބު ކުރައްވައިފި
ދޫކޭ ވަނީ 54 އިންސައްތަ ހޯއްދަވާފައި
ޕެޓްރޯއަށް ލިބިވަޑައިގެންފައިވަނީ 42 އިންސައްތަ ވޯޓް

ކޮލަމްބިއާގައި ބައި ގަރުނަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ދާޚިލީ ހަމަނުޖެހުން ހުއްޓާލުމަށް ވެވުނު ތާރީޚީ އެއްބަސްވުމަށް ފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކޮނޒަވޭޓިވް ކެނޑިޑޭޓް އިވަން ދޫކޭ ކާމިޔާބު ކުރައްވައިފިއެވެ.

އާދީއްތަ ދުވަހު ގާތްގަނޑަކަށް ހުރިހާ ވޯޓެއް ގުނައި ނިމުނުއިރު ދޫކޭ ވަނީ 54 އިންސައްތަ ހޯއްދަވާފައެވެ. އެންމެ ގާތުން ވާދަކުރެއްވި ވާތުފިޔައިގެ ގުސްތާވޯ ޕެޓްރޯއަށް ލިބިވަޑައިގެންފައި ވަނީ 42 އިންސައްތަ ވީޓެވެ.

އިންތިޚާބާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި ވޯޓްލީ މީހުންގެ ހަތަރެއް އިންސައްތަ މީހުން ވަނީ ބާތިލް ވޯޓް ލާފައެވެ. ދޫކޭއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމުގެ ކުރިން ވެރިރަށް ބޮގޯޓާގެ މަގުތަކަށް ނުކުމެ ކާރުގެ ބަރުގޮނުއަޅައި އުފާފާޅުކުރަން ފަށައިފައެވެ.

މެއި މަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި 40 އިންސައްތައާ އެކު ދޫކޭއަށް ކުރި ލިބިވަޑައިގެންނެވި އިރު ދެވަނައަށް ވަޑައިގެންނެވި ޕެޓްރޯއަށް ލިބިވަޑައި ގަތީ 25 އިންސައްތައެވެ.

ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާ (ފާކް)އާ އެކު 2016 ވަނަ އަހަރު ވީ ސުލްހައިގެ އެއްބަސްވުމާ ގުޅިގެން ވޯޓްގެ ދެ ވަނަ ބުރު ފެނިގެން ގޮސްފައި ވަނީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައެވެ.

ވިޔަފާރިވެރިންނަށް ކަންކަން ލުއިކޮށްދެއްވާނެ ކަމަށާއި ކޯޕަރޭޓް ޓެކްސް އުވާލައްވާނެ ކަމަށް އުމުރުފުޅުން 41 އަހަރުގެ ދޫކޭ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އޭނާ ވަނީ ލެޓިން އެމެރިކާގައި ހަތަރު ވަނައަށް އެންމެ ބޮޑޮ އިގްތިސާދު ކަމަށްވާ އަވަށްޓެރި ވެނެޒުއޭލާއަށް ބަދަލުކުރުމުގެ ފުރުސަތު ވާތުފިޔައިގެ ފަރާތްތަކަށް ނުދެއްވާނެ ކަމަށް އިންޒާރުދެއްވާފައެވެ.

ކޮލަމްބިއާގެ ސަރުކާރުގެ މަދަދާ އެކު ހަތިޔާރު ހިފައިގެން ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރި ކަނާތުފިޔައިގެ ފަރާތްތަކާއި ފާކް ޖަމާއަތާ މެދު ބައި ގަރުނަށް ދެމިގެންދިޔަ ހަމަނުޖެހުންތަކުގައި 260،000 މީހުން މަރުވިއެވެ.

ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާގެ ބަދަލުގައި މިހާރު އެ އަކުރުތަކުގެ ދިގުގޮތަކަށް ބޭނުންކުރަނީ ރިވޮލިއުޝަނަރީ އޯލްޓަރނޭޓިވް ފޯސް އޮފް ދި ކޮމަން ޕީޕްލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް