ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 11:12
ވޯޓް ނަގަމުންދިޔައިރު ގާނޫނުހަދާ މަޖިލީހުގެ ބޭރުގައިވަނީ މުޒާހަރާކޮށްފައި
ވޯޓް ނަގަމުންދިޔައިރު ގާނޫނުހަދާ މަޖިލީހުގެ ބޭރުގައިވަނީ މުޒާހަރާކޮށްފައި
މުހައްމަދު ޝަރުހާން
މެސެޑޯނިއާގެ ނަން ބަދަލުކުރުން
އިތުބާރު ނެތްކަމުގެ ވޯޓުން ގްރީސްގެ ބޮޑުވަޒީރު ސަލާމަތްވެވަޑައިގެންފި
މުޒާހަރާ ކުރި ފަރާތްތައް ކޮންޓްރޯލް ކުުރުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފައި
127 މެމްބަރުންވަނީ އެލްކްސިސް ސިޕްރަސްގެ ސަރުކާރު ބާއްވަންފެންނަކަމަށް ވޯޓްދެއްވާފައި

ނަމުގެ މައްސަލައިގައި ގްރީސްގެ ސަރުކާރުން މެސެޑޯނިއާއާއިއެކު އޮތް މައްސަލަ ހައްލުކުރުމުން ގްރީސްގެ ބޮޑުވަޒީރު މަގާމުން ދުރުކުރަން ހުށަހެޅި މައްސަލައިން އެ މަނިކުފާނު ސަލާމަތްވެވަޑައިގެންފިއެވެ.

ގާނޫނުހަދާ މަޖިލީހުގެ 153 މެމްމަރުންގެ ތެރެއިން 127 މެމްބަރުންވަނީ ބޮޑުވަޒީރު އެލްކްސިސް ސިޕްރަސްގެ ސަރުކާރު ބާއްވަންފެންނަކަމަށް ވޯޓްދެއްވާފައެވެ.

ވާތުފިޔައިގެ ސިރިޒާ ޕާޓީ އިސްކޮށް އޮވެ އުފައްދާފައިވާ ކޯލިޝަން ސަރުކާރު ބަދަލުކުރުމަށް މަދުވެގެން 151 ވޯޓް ބޭނުންވެއެވެ.

މެސެޑޯނިއާއަށް އެނަން ކިޔުމަކީ ގްރީސްއިން ރުހޭ ކަމެއް ނޫނެވެ. ސަބަބަކީ މެސެޑޯނިއާއާއި ގްރީސް ގުޅޭ ސަރަހައްދީ ރޮނގުގައި މެސެޑޯނިއާއާއި އިންވެގެން އޮންނަ ގްރީސްގެ ސަރަހައްދަށް ކިޔާނަމަކީވެސް މެސެޑޯނިއާކަމަށްވުމެވެ. ފާއިތުވި 27 ވަރަކަށް އަހަރު މިމައްސަލައަށް ހައްލެއް ގެނެވޭތޯ އދ މެދުވެރިވެގެން ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. މެސެޑޯނިއާއަކީ ކުރީގެ ޔޫގޯސްލާވިއާ ދައުލަތުގެ ދަށުގައި އޮތް ޤައުމެކެވެ. ޔޫގޯސްލާވިއާ ރޫޅި، މެސެޑޯނިއާއަށް މިނިވަންކަން ލިބުމަށްފަހު އެޤައުމަށް ރަސްމީކޮށް ކިޔަމުން އައި ނަމަކީ 'ފޯމަރ ޔޫގޯސްލާވް ރިޕަބްލިކް އޮފް މެސެޑޯނިއާ" (އެފް.ވައި.އާރް.އޯ.އެމް) އެވެ. އެޤައުމަށް ވިލާތުގެ އިއްތިޙާދުގެ މެމްބަރަކަށް ވުމަށާއި އުތުރު އެޓްލާންޓިކް ދިފާޢި މުޢާހަދާ (ނޭޓޯ)ގެ މެމްބަރު ޤައުމަކަށް ނުވެވިގެން އުޅެނީވެސް ނަމުގެ މައްސަލައިގައި ގްރީސްއިން މެސެޑޯނިއާގެ މެމްބަރޝިޕް ބޮއިކޮޓް ކުރާތީއެވެ.

ނަމުގެ މައްސަލައަށް ހައްލެއް ގެނެވުނީ އަންގާރަ ދުވަހު ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސްއާއި މެސެޑޯނިއާގެ ބޮޑުވަޒީރު ޒޯރާން ޒައޭވް ފޯނުން ވާހަކަ ދެއްކެވުމަށްފަހުގައެވެ. 2015 ވަނަ އަހަރު ސިޕްރާސްގެ ސަރުކާރު ގްރީސްގެ ވެރިކަމަށް އައުމަށްފަހު އެންމެ އިސްކަމެއް ދިން އެއްކަމަކީ މިމައްސަލައަށް ހައްލެއް ހޯދުމެވެ.

މެސެޑޯނިއާއަށް ދޭން ނިންމި އައު ނަމަކީ ރިޕަބްލިކް އޮފް ނޮދަރން މެސެޑޯނިއާއެވެ. އުތުރު މެސެޑޯނިއާގެ ނަމުން އެޤައުމަށް ނަން ދިނުމުން މެސެޑޯނިއާގެ ނަން ދީފައިވާ ގްރީސްގެ ސަރަހައްދަކީ ހަޤީޤީ މެސެޑޯނިއާކަން އެނގިގެންދާނެކަމަށް ގްރީސްގެ ސަރުކާރުން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް