ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 08:36
އަފްގާނިސްތާނުގެ އިރުމަތީގައި އޮންނަ ސިޓީ، ނަންގާހަރްގައި ގޮއްވާލި ކާރު ބޮމުގެ ފޮޓޯއެއް
އަފްގާނިސްތާނުގެ އިރުމަތީގައި އޮންނަ ސިޓީ، ނަންގާހަރްގައި ގޮއްވާލި ކާރު ބޮމުގެ ފޮޓޯއެއް
ޒީ ނިއުސް
އަފްގާނިސްތާން
އަފްގާނިސްތާނުގައި އީދު ދުވަހު ގޮއްވާލި ބޮމުގައި 26 މީހުން މަރުވެއްޖެ
ހަމަލާގައި ތާލިބާނު ހަނގުރާމަވެރިންނަށް ވެސް އަނިޔާވި
ތާލިބާނުން ބުނީ ހަމަލާ ދިނީ އެމީހުން ނޫންކަމަށް

އީދު ދުވަހު ތާލިބާނުންނާއި އަފްޣާނިސްތާނުގެ ސިފައިން ގުޅިގެން އީދު ފާހަގަ ކުރަމުން ދަނިކޮށް އިރުމަތީގައި އޮންނަ ސިޓީ، ނަންގާހަރްގައި ގޮއްވާލި ކާރު ބޮމެއްގެ ސަބަބުން 26 މީހުން މަރުވެއްޖެއެވެ.

އޮފިޝަލުން ބުނީ އެ ސަރަހައްދުގައި މި ބޮން ގޮއްވާލި ނަމަވެސް އެހެން އެއްވެސް ހިސާބެއްގައި މިކަހަލަ ކަމެއް ނުހިނގާ ކަމަށާއި ދެފަރާތުގެ ހަނގުރާމަވެރިން ވެސް ދިޔައީ އީދުގެ އުފާ ފާޅު ކުރަމުން ކަމަށެވެ.

އަފްގާނިސްތާނުގައި އެހެން ރައްޔިތުންނެކޭވެސް އެއްފަދައިން ތާލިބާނުން މަގުމައްޗަށް ނިކުމެ އީދުގެ އުފާ ފާޅު ކުރަމުން ދާއިރު، މުޅި ގައުމުން ވެސް ފެންނަނީ ހިނިތުންވުމާއި ހިތްހަމަޖެހުމެވެ. އެއްބައިވަންތަކަމާއި އަމާން ކަމެވެ. ތާލިބާނުން ވަނީ އީދު ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން އެއްވެސް ކަހަލަ ހަމަލާއެއް އަފްޣާނިސްތާނުގެ އެއްވެސް ރައްޔިތަކަށް އަދި ސިފައިންގެ މީހަކަށް ނުދޭނެ ކަމަށް ބުނެ ވައުދުވެފައެވެ. ސަރުކާރުން ވެސް ބުނީ ތާލިބާނަށް އެއްވެސް ކަހަލަ ހަމަލާއެއް ހަތް ދުވަސް ވަންދެކަށް ނުދޭނެ ކަމަށެވެ. ސަރުކާރުން މިހެން ބުނީ ތާލިބާނުން ހަމަލާ ނުދޭނެ ކަމަށް ވައުދު ވުމުގެ ކުރިންނެވެ.

ތާލިބާނުން ވަނީ އީދު ދުވަހު ދިން ކާރު ބޮމުގެ ހަމަލާ އަކީ އެ ޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެފައެވެ. ތާލިބާނުން ބުނީ އެ ހަމަލާ ދިން ސަރަހައްދަކީ އެ މީހުން އުޅެމުންދާ ސަރަހައްދާވެސް ވަރަށް ކައިރި ސަރަހައްދެއް ކަމަށާއި އެ ޖަމާއަތުގެ ހަނގުރާމަ ވެރިންނަށް ވެސް އެ ހަމަލާގައި އަނިޔާ ލިބިފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ މަގުމަތިން އީދު ދުވަހު ފެނުނު މަންޒަރަކީ މީގެ ދެހަފްތާ ކުރިންވެސް ފެންނާނެ ކަމަށް ހީކޮށްގެން ހުރި މަންޒަރެއް ނޫނެވެ. އީދު ދުވަހު ތާލިބާނުގެ ސިފައިންނާއި އާންމު ރައްޔިތުން ދިޔައީ ސެލްފީ ނަގަމުން މަޖާ ކުރަމުންނެވެ. އަފްޣާނިސްތާނުގެ ސިފައިންނާއި ތާލިބާނުގެ ހަނގުރާމަ ވެރިން ސަލާމްކުރާ ތަނާއި ބައްދައިގެން ހުރި މަންޒަރުތައް ވެސް ވަނީ ސޯޝަލް މީޑިއާގައި ހަލުއި ކަމާއެކު ފެތުރިފައެވެ.

ތާލިބާނުގެ ހަނގުރާމަ ވެރިން އީދު ދުވަހު ގައުމުގެ ގިނަ ސަރަހައްދުތަކަށް ވަދެގެން އައީވެސް އެ މީހުންނާއެކު ގެނައި ހަތިޔާރުތަށް އެ ސަރަހައްދުގައި ތިބި ސަލާމަތީ ބާރު ތަކާ ހަވާލް ކޮށްފައެވެ. އަފްގާނިސްތާނުގެ ރައީސް ވަނީ މި މަންޒަރު ދާއިމީ ކުރަން ބޭނުންވާ ކަމަށާއި ތާލިބާނުންނަށް ހަމަލަ ނުދޭން ނިންމާފައިވާ މުއްދަތު ސަރުކާރުން އިތުރު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިތުރު ކުރަން ނިންމާފައިވާ މުއްދަތު ބުނެފައެއް ނުވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް