ކ. މާލެ
|
15 ޖޫން 2018 | ހުކުރު 21:22
ނައިޖީރިއާގެ ސަޕޯޓަރަކު ފެއްސާ ހުދު ކުލަ ޖައްސާފައިވާ ދިރޭ ކުކުޅެއް ހިފައިގެން
ނައިޖީރިއާގެ ސަޕޯޓަރަކު ފެއްސާ ހުދު ކުލަ ޖައްސާފައިވާ ދިރޭ ކުކުޅެއް ހިފައިގެން
ގޮސިޕްމިލް.ކޮމް
ފީފާ ވާރލްޑް ކަޕް 2018
ނައިޖީރިއާގެ ސަޕޯޓަރުންނަށް ދިރޭ ކުކުޅު ސްޓޭޑިއަމް އަށް ނުގެނެވޭނެ ކަމަށް އަންގައިފި
ރަޝިއާ ސަރުކާރުން ބުނީ ކުކުޅުން ކުރާ ކަމެއް ކުރަންވާނީ ސްޓޭޑިއަމުން ބޭރުގައި ކަމަށް

ރަޝިއާގައި ކުރިއަށްދާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރަތުގައި ނައިޖީރިއާ ކުޅޭ މެޗުތަކަށް އަންނަ އިރު ސްޓޭޑިއަމް އަށްސަޕޯޓަރުންނަށް ދިރޭ ކުކުޅު ނުގެނެވޭނެ ކަމަށް ރަޝިއާ ސަރުކާރުން އަންގައިފިއެވެ.

ނައިޖީރިއާގެ ފުޓްބޯޅަ ސަޕޯޓަރުންނަކީ ޓީމު މޮޅު ކުރަން ކަމަށް ބުނެ ދަނޑަށް ދިރޭ ކުކުޅު ގެންނަ ބައެކެވެ. އަދި މިގޮތައް ގެންނަ ދިރޭ ކުކުޅުގައި ހުންނަނީ ނައިޖީރިއާގެ ގައުމީ ޓީމުގެ ކުލަތައް ކަމުގައިވާ ފެއްސާއި ހުދު ކުލަ ޖައްސާފައެވެ.

ރަޝިއާގެ އިންޓަރފެކްސް އަށް މައުލޫމާތު ދެއްވަމުން ރަޝިއާގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އެންޑްރޭ އަރމަކް ވަނީ ނައިޖިރީގެ ސަޕޯޓަރުންނަށް ސްޓޭޑިއަމް އަށް ދިރޭ ކުކުޅު ނުވެއްދޭނެ ކަން އަންގާފައި ކަމަށް ވިދާޅުވެފައެވެ.

"ނައިޖީރިއާގެ ސަޕޯޓާރުންގެ ފަރާތުން ވަރަށް ގިނައިން ލިބެމުން އަންނަ ސުވާލެއް، ސްޓޭޑިއަމް އަށް ދިރޭ ކުކުޅު ގެންދެވޭނެތޯ، އެމީހުން ބުނަނީ އެއީ އެމީހުންގެ ނިޝާނެއް ކަމަށް، އަދި ނައިޖީރިއާ ކުޅޭ މެޗުތަކުގައި ސަޕޯޓަރުން ދިރޭ ކުކުޅު ހިފައިގެން ތިބޭތަން އަބަދު ވެސް ފެންނާނެ ކަމަށް، އޭގެ ޖަވާބުގައި އަންގާފައި ވާނީ އެއްވެސް މެޗަކަށް ދިރޭ ކުކުޅު ސްޓޭޑިއަމް އަށް ވެއްދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް." މިނިސްޓަރ ވިދާޅުވިއެވެ.

ނައިޖީރިއާގެ ފުރަތަމަ މެޗް ކުޅޭ ގޮތައް ހަމަ ޖެހިފައިވަނީ 16 ޖޫން ވާ ހޮނިހިރު ދުވަހު ގަލިނިންގްރާޑް ސްޓޭޑިއަމްގައެވެ.

ރަޝިއާ ސަރުކާރުން ބުނެފައިވަނީ ޓީމަށް ހިތްވަރު ދޭން ނައިޖީރިއާގެ ސަޕޯޓަރުން ދިރޭ ކުކުޅުން ކަމެއް ކުރަން ބޭނުން ނަމަ އެކަން ކުރެވޭނެ ތަނެއް ރަޝިއާ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.

މީގެ 8 އަހަރު ކުރިން ދެކުނު އެފްރިކާގައިވެސް މި މައްސަލަ ދިމާވިކަން ފާހަގަ ކުރެވެއެވެ. އާޖެންޓިނާ އާ އެކު ނައިޖީރިއާ ބައްދަލު ކުރި މެޗަށް އެފަހަރު ދިރޭ ކުކުޅު ހިފައިގެން ވަންނަން އުޅުމުން އެކަމަށް އޮފިޝަލުން ހުރަސް އެޅިއެވެ. އެ މެޗް ނައިޖީރިއާ އަށް ގެއްލުނީ 1-0 ގެ ނަތީޖާ އަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް