ކ. މާލެ
|
15 ޖޫން 2018 | ހުކުރު 17:50
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު
ރޮއިޓަރސް
ނަޖީބް ރައްޒާގު
ނަޖީބް ރައްޒާގާއި ދެކޮޅަށް ގިނަ ދައުވާތަކެއް އުފުލަން ތައްޔާރުވެއްޖެ
ވަންއެމްޑީބީގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން
ނަޖީބްގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ވަން ކަމަށް ތުހުމަތު ކުރެވޭ
ނަޖީބްގެ މައްޗަށް މަނީ ލޯންޑަރިން އަދި ދައުލަތުގެ މުދަލުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާ ކުރެވޭނެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގާއި ދެކޮޅަށް ގިނަ ދައުވާތަކެއް އުފުލުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ތައްޔާރުވެއްޖެއެވެ.

މެލޭޝިއާގެ އިދާރާތަކުން އަންނަނީ 2009 ވަނަ އަހަރު ނަޖީބް އިސްވެ ހުންނަވައި އުފެއްދެވި 1 މެލޭޝިއާ ޑެވެލޮޕްމެންޓް ބޭންކް (ވަންއެމްޑީބީ) އާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. މި ކުންފުނި މެދުވެރިކޮށް ހިންގި ޓްރާންސެކްޝަންތަކުގައި ނަޖީބްގެ އަމިއްލަ އެކައުންޓަށް އެތަކެއް މިލިއަން ޑޮލަރު ވަދެފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އެހެން ނަމަވެސް ނަޖީބް ވަނީ މިތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.

އުމުރުން 64 އަހަރުގެ ނަޖީބްއަށް މެއި މަހުގެ ނުވަވަނަ ދުވަހު ބޭއްވި އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަތް މައިގަނޑު ސަބަބަކީ ވެސް އެމަނިކުފާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކެވެ. ނަޖީބް ބަލިކޮށް އަލުން އަނބުރާ ބޮޑުވަޒީރުގެ މަގާމަށް އިންތިހާބުވެވަޑައިގަތް ޑރ. މަހާތީރު މުހައްމަދު ވަނީ ވަންއެމްޑީބީއާ ގުޅިގެން ގެއްލިފައިވާ ހުރިހާ ފައިސާއެއް ހޯއްދާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ހަމައެހެންމެ އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ހައްގު އަދަބު ދެއްވާނެ ކަމަށް ވެސް ނަޖީބް ވިދާޅުވިއެވެ.

މެލޭޝިއާގެ އައު އެޓަރނީ ޖެނެރަލް ޓޮމީ ތޯމަސް ވިދާޅުވީ ވަންއެމްޑީބީގެ މައްސަލަ އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށްފައިވާ ކަމަށާއި އެކަމުގެ ލިޔެކިޔުންތައް ލިބިފައިވާ ކަމަށެވެ. އަދި މި ލިޔެކިޔުންތަކުގެ އަލީގައި މަދަނީ ގޮތުންނާއި ޖިނާއީ ގޮތުން ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ތަހުގީގުގައި އަމަލީގޮތުން ބައިވެރިވި މަސްދަރަކާއި ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ ނަޖީބްގެ މައްޗަށް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް މެލޭޝިއާގެ ގަނޫނޫލްއުގޫބާތުގެ ދަށުން ދައުވާ ކުރާނެ ކަމަށެވެ. މި ދައުވާ ސާބިތުވެއްޖެނަމަ ނަޖީބްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއް އަންނާނެއެވެ. އަދި ޖޫރިމަނާކުރާނެ އަދަދު ކަނޑައަޅާނީ އޭނާ ކޮށްފައިވާ ކުށަށް ބެލުމަށްފަހުއެވެ.

ހަމައެހެންމެ ނަޖީބްގެ މައްޗަށް ކަޅު ފައިސާ ދޮވުމުގެ ތުހުމަތުގައި ވެސް ދައުވާ އުފުލުމަށް ވަނީ ނިންމާފައެވެ. މިއީ އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާ ދައުވާއެކެވެ. ހަމައެހެންމެ އޭނާ ދޮވުނު ކަމަށް ސާބިތުވާ ފައިސާގެ ފަސް ގުނަ ޖޫރިމަނާގެ ގޮތުގައި ދައުވާ ސާބިތުވެއްޖެނަމަ ދައްކަން ޖެހޭނެއެވެ.

މި ތުހުމަތުތަކާއި ގުޅިގެން ނަޖީބާއި ގުޅުންހުރި ގެތަކާއި އެޕާޓްމެންޓްތައް މެލޭޝިއާގެ ފުލުހުން އަންނަނީ ބަލާ ފާސްކުރަމުންނެވެ. މި ގެތަކުން ވަނީ ގިނަ އަދަދެއްގެ ފައިސާ އާއި ގަހަނާ އަދި އަގުބޮޑު ތަކެތި ހޯދާފައެވެ.

ނަޖީބްގެ ވެރިކަމުގައި އެޓަރނީ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅާ މި ތުހުމަތުތަކާއި ގުޅިގެން ނަޖީބްގެ މައްޗަށް އެއްވެސް ދައުވާއެއް އުފުއްލަވާފައެއް ނުވެއެވެ.

މިހަފްތާގެ ތެރޭގައި ނަޖީބް ވިދާޅުވީ ސިޔާސީ ގޮތުން އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލައިފިނަމަ އެއްވެސް ދައުވާއެއް ކޯޓުން ސާބިތުނުވާނެ ކަމަށެވެ.

ވަންއެމްޑީބީގެ މައްސަލަ ދުނިޔޭގެ އެހެނިހެން ގައުމުތަކުން ވެސް ވަނީ ތަހުގީގުކޮށްފައެވެ. އެގޮތުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ހިންގި ތަހުގީގުން ދައްކާ ގޮތުގައި އެކުންފުނިން ނަހަމަ ގޮތުގައި ހޯދި 4.5 ބިލިއަން ޑޮލަރުގެ ތެރެއިން 700 މިލިއަން ޑޮލަރު ވަދެފައިވަނީ ނަޖީބްގެ އަމިއްލަ ބޭންކް އެކައުންޓަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް