ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 14:58
ލޯކަލް މާރުކޭޓް
ލޯކަލް މާރުކޭޓް
މުހައްމަދު ޝަރުހާން
ރަމަޟާން 1439
މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ: ތަކެތި ވިއްކާ ފަރާތްތައް
އަގުތައް ވަރަށް ބޮޑަށް ހެޔޮވާނެ
ކަރާގެ އަގަށް މާބޮޑު ބަދަލުތަކެއް ނާންނާނެ

މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ލޯކަލް މާރުކޭޓުގައި ވިއްކާ ހުރިހާ ބާވަތެއްގެ އަގުތައް ވެސް ވަރަށް ބޮޑަށް ހެޔޮވެގެންދާނެ ކަމަށެވެ. އެހެން ނަމަވެސް ކަރާ އާއި މިރުހުގެ އަގަށް މާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

މާރުކޭޓުގައި ކަރާ ކިލޯއެއް ލިބެން ހުރީ 70ރ. އާއި 60ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. ފަޅޯ ކިލޯއެއް 30ރ. އަށް ލިބެން ހުރި އިރު މިރުސް ކިލޯއެއް ލިބެން ހުރީ 370ރ. އަށެވެ. ބެލް ޕެޕާ ކިލޯއެއް 80ރ. އަށް ލިބެން ހުރި އިރު ކެޕްސިކަމް ލިބެން ހުރީ 65ރ. އަށެވެ. ޕެޝަން ފްރުޓް ކިލޯއެއް އަދި ފޭރު ކިލޯއެއް ލިބެން ހުރީ 60ރ. އަށެވެ. މީގެ އިތުރުން ބަރަބޯ ކިލޯއެއް ލިބެން ހުރީ 25ރ. އަށެވެ.

މާރުކޭޓުގައި ލިބެން ހުރި ގިނަ ބާވަތްތައް ގެނެސްފައި ވަނީ އއ. ތޮއްޑޫ އާއި ށ. ކަނޑޫދޫ އާއި ލ. އަތޮޅާއި ފުވައްމުލަކާއި އައްޑޫ ސިޓީ އިންނެވެ. މީގެ އިތުރުން ކ. ކާށިދޫ އިން ވެސް ތަކެތި ގެނެސްގެން އަންނަނީ ވިއްކަމުންނެވެ.  ރަމަޟާން މަހުގައި އެންމެ ބޮޑަށް އުފުލިގެން ގޮސްފައި ވަނީ ކަރައާއި މިރުހުގެ އަގެވެ. އެގޮތުން 25ރ. އަށް ލިބެން ހުރި ކަރާގެ އަގު ވަނީ 70ރ. އަށް މައްޗަށް އުފުލިފައެވެ. މީގެ އިތުރުން ފަތުގެ ބާވަތްތައް ވެސް މާރުކޭޓުގައި ލިބެން ހުރި މިންވަރު ވަރަށް މަދެވެ. ހާއްސަކޮށް ކޮޕީ ފަތް މާރުކޭޓުގައި ލިބެން ހުރީ ވަރު ވަރަށް މަދުންނެވެ. އަދި ބައެއް ދުވަސް ދުވަހުގައި ކޮޕީ ފަތް މާރުކޭޓުން ހުސްވެގެން ވެސް ދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް