ފުދުންތެރިކަން ނެތް ފަރާތްތަކަށް ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީދިނުމުގެ އުސޫލެއް އިސްލާމިކް މިނިސްޓްރީން އެކުލަވާލައި އާއްމުކޮށްފި އެވެ.
ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ މިއުސޫލުގައި ވާގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފަރުވާކުރުމަށް ޒަކާތު ފަންޑުން އެހީދޭނެއެވެ.
އެގޮތުން އާސަންދަ ކަވަރު ނުކުރާ އަދި އާސަންދައިން ލިބޭ މިންވަރުން ނުފުދޭ ފަރާތްތަކަށްވެސް ޒަކާތު ފަންޑުން އެހީވެދިނުމަށް މި އުސޫލުގެ ދަށުން ހަމަޖެހިގެންދާނެ އެވެ. އަދި މިއުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން އެޑްމިޓް ނުވެ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރުމަށް -/25000ރ އަށްވުރެ އިތުރުނުވާގޮތުގެ މަތީން ހަމަޖައްސާ ދެވޭނެ އެވެ. އެހެން ނަމަވެސް ބަލި މީހާގެ ހާލަތަށް ރިއާޔަތްކޮށް ޒަކާތު ކޮމެޓީން ނިންމާ ގޮތެއްގެ މަތީން އެ އަދަދު އިތުރު ކުރެވިދާނެ ކަމުގައިވެސް އުސޫލުގައި ބުނެފައި ވެއެވެ.
ޒަކާތު ފަންޑުން ބޭސްފަރުވާ ދިނުމަށް ޚާއްސަކޮށްފައިވާ ބަލިތަކުގެ ތެރޭގައި:
- ކުޑަކުދިންގެ ހުރިހާ ބާވަތެއްގެ ހިތުގެ ބަލިތައް
- ބޮޑެތި މީހުންގެ ހުރިހާބާވަތެއްގެ ހިތުގެ ބަލިތައް
- ކެންސަރާއ ޓިއުމަރުގެ ހުރިހާ ބާވަތެއްގެ ބަލިތައް
- ހުޅު ބަދަލު ކުރުން
- ތައިރޮއިޑްގެ ބަލިތައް
- ކިޑްނީގެ ހުރިހާ ބަލިތައް
- ލޮލުގެ އެންމެހައި ބަލިތައް
- ބޯންމެރޯ ހެދުމާއި އާއްމު އެހެނިހެން ބަލިތައް
އުސޫލުގައިވާ ގޮތުން ހާއްސަ ބަލިތަކަށް ފަރުވާ ކުރުމަށް ޒަކާތު ފަންޑުން މީހަކަށް ގިނަވެގެން ހަމަޖައްސާ ދެވޭނީ -/50000ރ އެވެ. އެހެން ނަމަވެސް ބަލިމީހާގެ ހާލަތަށް ރިއާޔަތްކޮށް އެހީ އިތުރު ކުރުމަށް ޒަކާތު ކޮމެޓީއަށް ނިންމޭނެ ގޮތްތައްވެސް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ގުނަވަންތަކާއި މަސްނޫޢީ ވަސީލަތްތައް އަދި ގުނަވަންތައް ބަދަލުކުރުމަށް އެހީދޭ ގޮތްތައްވެސް މިއުސޫލުގައި ބަޔާންކޮށްފައި ވެއެވެ.
ހުސްނުވާ އާސަންދަ ނަމުގައި ބޭސްފަރުވާ ކުރެވޭ ނިޒާމެއް ހަމަޖެހިފައިވީ ނަމަވެސް އެ ނިޒާމުގެ ދަށުން ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރުމާއި ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތި ވަމުން ދެއެވެ.