ކ. މާލެ
|
11 ޖޫން 2018 | ހޯމަ 00:02
ނަބިލް ފެކިރް
ނަބިލް ފެކިރް
ގެޓީ އިމޭޖަސް
ޓްރާންސްފާ މާކެޓް
ނަބިލް ފެކިރް ލިވަޕޫލްއަށް ނާންނާނެ
ލިވަޕޫލްއިން ވަނީ 60 މިލިއަން ޔޫރޯގެ ހުށަހެޅުމަށް އޭނާ ހޯދުމަށް ހުށަހަޅާފައި

ލިޔޯންއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ނަބިލް ފެކިރް މި ހޫނު މޫސުމުގެ ޓްރާންސްފާރ މާކެޓުގައި ލިވަޕޫލްއަށް ބަދަލުނުވާނެ ކަމަށް ލިޔޯންއިން ބުނެފިއެވެ.

މި ދެ ކްލަބްގެ މެދުގައި ފެކިރްގެ ޓްރާންސްފާރގެ ކަންކަމާއި ގުޅީގެން މުހިންމު މަޝްވަރާތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ލިވަޕޫލްއިން ވަނީ 60 މިލިއަން ޔޫރޯގެ ހުށަހެޅުމަށް އޭނާ ހޯދުމަށް ހުށަހަޅާފައެވެ. އޭގެއިތުރުން އެ ޓީމުން ވަނީ ބޯނަސްގެ ގޮތުގައި ފަސް މިލިއަން ޔޫރޯ ވެސް ދޭނެ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް ލިޔޯންއިން ބުނެފައިވަނީ މަޝްވަރާގެ ކަންކަން ހުއްޓާލާފައިވާ ކަމަށާއި އޭނާ އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި އަންނަ ސީޒަނުގައި ވެސް ފެންނާނެ ކަމަށެވެ. އެ ޓީމުން ބުނެފައިވަނީ ފެކިރް ވިއްކާލާނަމަ އޭނާ ވިއްކާލުމުގައި މުސްތަގުބަލުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ލިވަޕޫލްއަށް ކަމަށެވެ.

ލިޔޯންގެ ރައީސް ޖީން މިޝެލް އޮލަސް ވިދާޅުވީ ފެކިރްގެ ޓްރާންސްފާރގެ ކަންކަން ވާރލްޑް ކަޕްގެ ކުރިން ނުނިމޭނެ ކަމަށާއި އޭނާގެ އަގެއް ވެސް މިހާތަނަށް ކަނޑައަޅާފައިނުވާ ކަމަށެވެ.

ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މީގެކުރިން ވިދާޅުވީ އޭނާ ލިވަޕޫލްގެ މެޑިކަލްއިން ވެސް ފާސްވެފައިވާ ކަމަށެވެ. އަދި ފެކިރް ހުރީ ލިވަޕޫލްއަށް ބަދަލުވުމަށް ކެތްމަދުވެފައި ކަމަށާއި މިވަގުތު އޭނާގެ ވިސްނުން ވެސް ހުރީ ފްރާންސްގެ ގައުމީ ޓީމަށް ކަމަށެވެ.

ޗެލްސީއިން ވެސް ވަނީ ފާއިތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ފެކިރްއަށް ފާރަލާފައެވެ. އެހެން ނަމަވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޗެލްސީއަށް ފުރުސަތު ލިބިފައި ނުވުމާއެކު އޭނާ ޗެލްސީއަށް ބަދަލުވާނެކަމަށް ނުބެލެވެއެވެ.

ފެކިރް މިވަގުތުހުރީ ރަޝިއާގައި ފަށާ ފީފާ ވާރލްޑް ކަޕްގައި ވާދަކުރާ ފްރާންސްގެ ގައުމީ ޓީމާއެކުއެވެ. އޭނާ ވަނީ އާދިއްތަ ދުވަހުގެ ރޭ އެމެރިކާއާ ދެކޮޅަށް ކުޅެ ފްރާންސް އެއްވަރުވި މެޗުގައި ބެންޗުން ކުޅެން އަރާފައެވެ.

ލިޔޯންގެ ޔޫތު ސިސްޓަމުން ތަމްރީންވި ފެކިރް ވަނީ އެ ޓީމަށް 153 މެޗު ކުޅެދީ 57 ލަނޑު ޖަހައިދީފައެވެ. އޭނާ ލިޔޯންއަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ 2013 ވަނަ އަހަރުއެވެ. ލިޔޯންގެ ކެޕްޓަން ކަންވެސް ކުރަމުން އަންނަ ފެކިރް ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

ލިވަޕޫލްއިން އަންނަނީ އަންނަ ސީޒަނަށް އެ ޓީމުގެ މިޑްފީލްޑު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ޓީމުން ވަނީ މޮނާކޯގެ މިޑްފީލްޑަރު ފަބީނިއޯ އަދި ޖަރުމަނުގެ އާރްބީ ލީޕްޒީގްގެ ނަބީ ކެއިޓާގެ ސޮއިވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް