ލޯކަލް މާރުކޭޓުގައި ތޮރާ ލިބުން ދަތިވެއްޖެއެވެ.
މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ތޮރާ ލިބޭ މިންވަރު ދަށްވުމުގެ ސަބަބުން އާންމުން ވަރަށް ގިނައިން ޝަކުވާކުރާ ކަމަށާއި ރަށްރަށުގައި ތޮރާ އުފައްދާ މިންވަރު ދަށްވުމުން ތޮރާ ލިބޭ މިންވަރު ދަށްވީ ކަމަށެވެ.
އާންމުކޮށް ރިހަ ކެއްކުމަށާއި ކިރުގަރުދިޔަ ކެއްކުމުގެ އިތުރުން މަސްހުނި ހެދުމަށް ތޮރާ ބޭނުންކުރެއެވެ. ހާއްސަކޮށް ރޯދަ ވީއްލާގަދީގައި ތޮރާ މަސްހުނި ވަރަށް ގިނަ ބަޔަކަށް ކަމުދެއެވެ.
ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއް 30ރ. އަށް ވިއްކި ނަމަވެސް މިހާރު ކަރާ ކިލޯއެއްގެ އަގު އުޅެނީ 40ރ. ގައެވެ.
ފަތުގެ ބާވަތްތައް ލިބުން މާރުކޭޓުގައި ދަށްވެފައިވާއިރު ކޮޕީ ފަތާއި ލެޓިއުސް ލިބުމަށް ވެސް ދަތިވާ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުންޏެވެ.
އާންމުން އެންމެ ގިނައިން ގަންނަނީ ފަނި ގިރާ އެއްޗެހީގެ އިތުރުން މިރުހެވެ.
މާރުކޭޓުގައި ލެޓިއުސް ކިލޯއެއް 120ރ. އަށް ދަށްވެފައިވާއިރު ފަޅޯ ކިލޯއެއް އުޅެނީ 35ރ. އަށެވެ. އަދި އަންނާރު 85ރ. އަށް ވިއްކަން ހުރިއިރު ކިއުކަންބާ ލިބެން ހުރީ 25ރ. އަށް ކިލޯއެވެ.
ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރާގެ އިތުރުން ފަތުގެ ބާވަތްތަކުގެ އަގު އުފުލިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.