ކ. މާލެ
|
6 ޖޫން 2018 | ބުދަ 20:52
ރަފައޭލް ވަރާން އަދި ޒައިނުއްދީން ޒިދާން
ރަފައޭލް ވަރާން އަދި ޒައިނުއްދީން ޒިދާން
ގެޓީ އިމޭޖަސް
ރެއާލް މެޑްރިޑް
ދެން އަންނަ ކޯޗަކަށް ޒިދާންއާ ވާދަކުރަން އުނދަގޫވާނެ
ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ޒިދާން އިސްތިއުފާދިނީ ކާމިޔާބު ތިން ސީޒަން އެ ޓީމުގައި ހޭދަކުރުމަށްފަހު

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމާއި ދެން ހަވާލުވާ ކޯޗަކަށް ޒައިނުއްދީން ޒިދާން ހޯދި ކާމިޔާބީ ހޯދުމަށް ވަރަށް އުނދަގޫ ވާނެ ކަމަށް އެޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައޭލް ވަރާން ބުނެފިއެވެ.

ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ޒިދާން އިސްތިއުފާދިނީ ކާމިޔާބު ތިން ސީޒަން އެ ޓީމުގައި ހޭދަކުރުމަށްފަހުއެވެ. ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލްގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ވަރާން ހިމެނުނުއިރު އޭނާވަނީ ތިން އަހަރުގެ ތެރޭގައި ރެއާލްއަށް ނުވަ މުބާރާތެއްގެ ތަށި ހޯދައިދީފައެވެ. ރެއާލްއިން އަންނަނީ އެހެން ކޯޗެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމާއި ގުޅިގެން ރެއާލްގެ ކުޅުންތެރިން އަންނަނީ މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވަރާން ބުނީ ރެއާލްއަށް ބޭނުންވަނީ ކޮންކަހަލަ ކޯޗެއްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި އެކްލަބަށް ބޭނުންވަނީ މޮޅު އަދި ކާމިޔާބު ހޯދޭނެ ކޯޗެއް ކަމަށެވެ. ޕްރެޝަރާއެކު ކަންކަން ކުރަން އެނގޭ ކޯޗެއް އައުމުގެ މުހިންމުކަން ފާހަގަކޮށް ވަރާން ބުނީ ޒިދާން ރެއާލްއަށް ކޮށްދިން ކަންކަމަކީ އެހެން ކޯޗަކަށް ކުރަން ވަރަށް އުނދަގޫވާނެ ކަންކަން ކަމަށެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މުބާރާތް ކާމިޔާބުކޮށްދޭން އައު ކޯޗުގެ ކައިރިން ނާހާނެ ކަމަށް ވަރާން ބުނެފައިވެއެވެ.

ވަރާން ބުނީ ޔޫރަޕުގެ ފުޓްބޯޅައިގައި ވަރަށް މޮޅު ކޯޗުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެމަގާމަށް އަންނަނީ އެފަދަ ކަމެއް ކުރެވޭނެ ފެންވަރާއި ގާބިލްކަން ހުރި މީހެއް ކަމަށެވެ.

ރެއާލްގެ ކޯޗުގެ މަގާމު ޒިދާން ދޫކޮށްލުމާއި ވިދިގެން ގިނަބަޔަކު އަންނަނީ އޭނާ ފްރާންސްގެ ގައުމީ ޓީމަށް އިރުޝާދުދޭން ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ. އެގޮތުން މިވަގުތު އެ މަގާމުގައި ހުރި ޑިޑިއާ ޑެޝޭމްޕްސް ވެސް ވަނީ ޒިދާން އަކީ އެމަގާމަށް އެންމެ އެކަށޭނެ މީހެއް ކަމަށް ބުނެފައެވެ.

ޒިދާން ބުނީ ރެއާލްގެ ކޯޗުގެ މަގާމަކީ ވަރަށް ބުރަ އަދި އުނދަގޫ މަސައްކަތެއް ކަމަށެވެ. ފްރާންސްގެ ގައުމީ ޓީމާއި އެ ޓީމު ކޭމްޕް ކުރަމުންދާ ތަނުން ބައްދަލުކުރާނެ ކަމަށް ޒިދާން ބުނި ކަމަށާއި އެހެން ނަމަވެސް އެކަމާއި ގުޅިގެން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ވަރާން ބުންޏެވެ. ޒިދާންއާ ގުޅިގެން ވާހަކަ ދައްކަން ބޭނުންވާ އެންމެނަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވަރާން ބުނެފައިވެއެވެ.

މިދިޔަ އަހަރު ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ގެންދިޔަ ޒިދާން އިސްތިއުފާ ދިނުމާއެކު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޒިދާންގެ އިރުޝާދުގެ ދަށުން ވަރާން ވަނީ ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް