ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 22:23
އުރުދުންގެ އައު ބޮޑުވަޒީރު އުމަރް އަލް ރައްޒާޒް
އުރުދުންގެ އައު ބޮޑުވަޒީރު އުމަރް އަލް ރައްޒާޒް
ގޫގުލް
އުރުދުން
އުރުދުންގެ ބޮޑުވަޒީރުކަމަށް ރައްޒާޒް އައްޔަނު ކުރައްވައިފި
މަޤާމަށް އައްޔަނު ކުރެއްވީ އަންގާރަ ދުވަހު
މައިގަނޑު 3 މަސައްކަތެއް ރައްޒާޒާއި ވަނީ ހަވާލުކުރައްވާފަ
ސާފު ސިޔާސަތުތަކެއް ޤާއިމް ނުކުރަނިސް މުޒާހަރާތައް ހުއްޓާނުލާނެ ކަމަށް ހިރާކް ޝަބާބީއިން ވަނީ ބުނެފަ

އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ދެވަނަ، އެ ޤައުމުގެ ބޮޑުވަޒީރުކަމަށް އުމަރު އަލް ރައްޒާޒް އައްޔަނުކުރައްވައިފިއެވެ.

އަންގާރަ ދުވަހު ބޮޑުވަޒީރުގެ މަޤާމަށް ރައްޒާޒް އައްޔަނު ކުރައްވާފައި މިވަނީ އެ ޤައުމުގައި ތަކެތީގެ އަގުމަތިވުމާއި، އިންކަމް ޓެކްސް ބޮޑު ކުރުމާއި ދެކޮޅަށް ފަށާފައިވާ މުޒާހަރާތަކާއި ގުޅިގެން، ރައްޔިތުންގެ ގޮވާލުންތަކަށް އިޖާބަދެއްވައި، ބޮޑުވަޒީރަކަށް ކުރިން ހުންނެވި، ހާނީ އަލް މުލްކީ ހޯމަ ދުވަހު އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. ރައްޒާޒް އަކީ މުލްކީގެ ސަރުޚާރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅާއެވެ.

ބޮޑުވަޒީރުކަމަށް ރައްޒާޒް އައްޔަން ކުރައްވައި، ރަސްގެފާނު ޢަބްދުﷲ ވަނީ އައު ސަރުކާރު އެކުލަވާލެއްވުމާއި، އުރުދުންގެ ޓެކްސް ސިސްޓަމް އަލުން ރިވިއު ކުރެއްވުމާއި، އިންކަމް ޓެކްސްގެ އައު ޤާނޫނާއި ގުޅިގެން ކަމާއިބެހޭ ހުރިހާ ފަރާތްތަކާއި އެކު ޤައުމީ ފެންވަރުގެ މަޝްވަރާތައް ބޭއްވެވުމުގެ ޒިންމާ ރައްޒާޒާއި ހަވާލުކުރައްވާފައެވެ.

ވޯލްޑް ބޭންކުގެ އިކޮނޮމިސްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ފަހު، އުރުދުންގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ރައްޒާޒަކީ އުރުދުންގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް މަޤުބޫލު ބޭފުޅެކެވެ.

އައު ބޮޑުވަޒީރު އައްޔަނު ކުރެއްވުމަށް ފަހު، ޓްވިޓަރ މެދުވެރިކުރައްވައި ރަސްގެފާނު ޢަބްދުﷲ ދެވަނަ ވިދާޅުވީ، އުރުދުންއަށް މިވަގުތު ދިމާވެފައިވާ އިޤުތިޞާދީ މައްސަލަތަކުގެ އަސްލަކީ އެ ސަރަޙައްދުގައި އުފެދިފައިވާ ހަމަނުޖެހުން ކަމަށެވެ.

ސަރުކާރު ބަދަލު ކުރި ނަމަވެސް އުރުދުންގެ ވެރިރަށް އައްމާނާއި، ވަށައިގެންވާ އެކި ސަރަޙައްދުތަކުގައި ކުރަމުންދާ މުޒާހަރާތައް އަދި ހުއްޓާލާފައެއް ނުވެއެވެ. މި މުޒާހަރާތައް އިންތިޒާމް ކުރާ ހިރާކް ޝަބާބީ ނުވަތަ 'ޒުވާނުންގެ ހަރަކާތް' ހިންގުމުގައި އިސްކޮށް ތިބި ފަރާތްތަކުން ބުނެފައިވަނީ މުޒާހަރާތައް ހުއްޓާނީ ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތައް މުޅިން އިސްލާހުކޮށް، ދެފުށް ފެންނަ ނިޒާމެއް ސަރުކާރުގެ ތެރޭގައި ޤާއިމްކޮށް، ޤައުމަށް ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ސާފު އަމާޒުތަކެއް ކަނޑައެޅުމުން ކަމަށެވެ. މުލްކީގެ ސަރުކާރުން ތެލާއި، ޕާނުން ކަނޑާލާފައިވާ ސަބްސިޑީ އަލުން ތަޢާރުފު ކުރުމަށްވެސް އުރުދުންގެ ރައްޔިތުން ދަނީ އެދެމުންނެވެ.

އަދި ހަމަ މިއާއިއެކު މުޅި އުރުދުންގައި، އެކި ދާއިރާތަކުގެ މަސައްކަތްތެރިން ވަނީ ބުދަ ދުވަހު ހަޅުތާލު ކުރުމަށްވެސް ނިންމާފައެވެ.

އުރުދުންގެ އިޤުތިޞާދީ ސިޔާސަތުތަކަށް ބަދަލުގެނެސް، ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވަނީ 2016 ވަނަ އަހަރު އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން އެ ޤައުމުން ހޯދި ތިން އަހަރުދުވަހުގެ ކްރެޑިޓް ލައިންގެ ސަބަބުންނެވެ. އެ ކްރެޑިޓް ލައިންގެ އަގު 723 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

އުރުދުން އަކީ ޒަމާނުއްސުރެ އިޤުތިޞާދީ ގޮތުން ހީނަރު، އަދި ބޭރުގެ އެހީއަށް ބަރޯސާވަމުންދާ ޤައުމެކެވެ. އޭގެ ސަބަބުން އެ ޤައުމުގައި އެކި ދުވަސްވަރު ނިންމާފައިވާ އެކިއެކި އިޤުތިޞާދީ ނިންމުންތަކާއި ރައްޔިތުން ވަނީ ދެކޮޅުހަދާފައެވެ.

އެގޮތުން 37 ބިލިއަން އެމެރިކާ ޑޮލަރު (ޖީޑީޕީގެ 95 އިންސައްތަ) އަށް އަރާފައިވާ އުރުދުންގެ ދައުލަތުގެ ދަރަނި އަދާކުރުމަށް، އިޤުތިޞާދީ ސިޔާސަތަށް ގެންނަ ބަދަލުތަކުގެ ތެރެއިން ތަކެތީގެ އަގު މަތިވެ، ސޭލްސް ޓްކްސް އިތުރުވެގެންގޮސްފައިވާ މައްސަލައިގައިވެސް ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ދި އިކޮނޮމިސްޓް މަޖައްލާއިން ދާދިފަހުން ޝާއިޢުކުރި ރިޕޯޓެއްގައި ވާގޮތުގައި އައްމާނަކީ މުޅި އަރަބި ދުނިޔޭގައިވެސް ދިރިއުޅުމުގެ އަގު އެންމެ މަތި ޤައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް