ފާޑުކިޔަމުންދާ ފަރާތްތަކަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ހޫނު ރައްދެއް ދިފިއެވެ.
ޔުވެންޓަސް ދޫކޮށް 2016 ވަނަ އަހަރު އޭރުގެ ރެކޯޑު ފީއެއް ކަމަށްވާ 89 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ޕޮގްބާއަށް ޔުނައިޓެޑްގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. އޭނާގެ ހުނަރާ މެދު މީހުން ސުވާލު ނުއުފެއްދި ނަމަވެސް އެއްވަރެއްގައި ކުޅުމުގެ ފެންވަރު އޭނާއަށް ނުހިފެހެއްޓުމާ އެކު އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
ފްރާންސްގެ އެންމެ ބޮޑު އެއް ފުޓްބޯޅަ މަޖައްލާ ކަމަށްވާ ފްރާންސް ފުޓްބޯލްއަށް ދިން އިންޓަވިއުއްގައި ޕޮގްބާ ބުނީ އޭނާއަކީ ވަކި ސްޓައިލަކަށް ކުޅޭ މީހެއް ކަމަށާއި އޭނާ މިހާތަނަށް ކާމިޔާބު ކުރި ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައިވަނީ ވެސް އެ ސްޓައިލްގައި ކުޅެގެން ކަމަށެވެ. ޕޮގްބާ ބުނީ ދަނޑުމަތީގައި މެސީ ހިނގާފައި އުޅުނު ނަމަވެސް އޭނާއަށް އެއްވެސް ބަޔަކު ފާޑުނުކިޔާ ކަމަށާއި މެޗުގައި ތިން ލަނޑު ޖެހުމުން އެވާހަކަ މީހުން ދައްކާ ކަމަށެވެ. އެހެންކަމުން ދަނޑުމަތީގައި އޭނާ ކުޅޭ ގޮތަށް ފާޑުނުކިޔޭނެ ކަމަށް ޕޮގްބާ ބުނެފައިވެއެވެ.
އެއްވެސް މީހަކަށް އޭނާ ކަންކުރަން ޖެހޭ ގޮތް ނޭނގޭނެ ކަމަށާއި އޭނާ ފުޓްބޯޅަ ކުޅެން ޖެހޭ ގޮތް އެހެންމީހުން ކިޔައިދޭ ފެންވަރަށް އަދި އޭނާގެ ކަންކަން ނުދާ ކަމަށް ޕޮގްބާ ބުނެފައިވެއެވެ. މީހުން ގަޔާވިޔަސް ނުވަތަ ނުވިޔަސް އޭނާގެ ގޮތް ބަދަލުނުކުރާނެ ކަމަށާއި ފުޓްބޯޅަ ކުޅެނީ ކާމިޔާބު ހޯދަން ކަމަށް ޕޮގްބާ ބުނެފައިވެއެވެ. އޭނާ ބުނީ އާއިލާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި އެހެން ބަޔަކު ސަޕޯޓް ނުދިނަސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ކޮންމެ މީހެއްގެ ވެސް ހިޔާލެއް އޮންނާނެ ކަމަށާއި އަދި އެ ހިޔާލުތަކަށް ފުރިހަމަޔަށް އިހުތިރާމްކުރާ ކަމަށް ޕޮގްބާ ބުނެފައިވެއެވެ.
މިނިމުނު ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ގިނަ މެޗުތަކުގައި އޭނާއަށް ފުރުސަތު ދީފައިވަނީ ބެންޗުންނެވެ. އޭނާ ކުޅުނު މެޗުތަކުގައި ވެސް މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ އޭނާއާ ދެކޮޅަށް ސްޓޭޑިއަމްގައި އަޑުގަދަކޮށްފައެވެ. ހަމައެހެންމެ ފްރާންސާއެކު އޭނާ އެންމެފަހުން ކުޅުނު ދެ ރަހުމަތްތެރިކަމުގެ މެޗުތަކުގައި ވެސް އޭނާއަށް އަމާޒުކޮށް ގިނަ ސަޕޯޓަރުންތަކެއް ވަނީ އަޑުގަދަކޮށްފައެވެ.
ޕޮގްބާއަށް މިއަހަރުގެ ވޯލްޑް ކަޕަށްދާ ފްރާންސްގެ ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑުން ފުރުސަތު ދީފައިވާއިރު އޭނާއަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ޕޮގްބާއެވެ.