އެއްވެސް ސިޔާސީ ޕާޓީއެއް އުވާލަން ބޭނުންނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ހޯމަ ދުވަހުގެރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ޕާޓީއަކުން ތަކުރާރުކޮށް ގާނޫނުގެ ބާރު ކަނޑުވާލަމުންދާ ނަމަ ގާނޫނުގައި ބުނާ ފިޔަވަޅު އަޅަން މަޖުބޫރު ވެދާނެ ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީއަށް އިޝާރަތްކޮށް ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ ޕްރައިމަރީ އާއި ގުޅިގެން ބައެއް ފަރާތްތަކަށް ނަސޭހަތް ދީފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާއާ އަދި 49 ވަނަ މާއްދާގައި އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާކަމަށެވެ.
" މި ޕްރައިމަރީއާ ގުޅިގެން ބައެއް ފަރާތްތަކަށް ނަސޭހަތް ދީފައި ވާއިރު ވާނީ މެންޝަން ކޮށްފައި އަޅުގަނޑުމެން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާއާ އަދި 49 ވަނަ މާއްދާގައި ބުނާ [ފިޔަވަޅުތައް]. އެއްތިރީސް ވަނަ މާއްދާއަކީ ސިޔާސީ ޕާޓީތައް އުވާލުމަށް ކޯޓަށް ފޮނުވުން. އަޅުގަނޑުމެން އުއްމީދެއް ނުކުރަން އެއްވެސް ސިޔާސީ ޕާޓީއެއް އުވާލާކަށެއް، އެއީ އަދި އަޅުގަނޑުމެން ބޭނުންވާ ގޮތެއް ވެސް ނޫން،" އެމްޑީޕީގެ ޕްރައިމަރީއަށް އިޝާރަތް ކުރައްވާ ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވިއެވެ.
އަކްރާމް މިހެން ވިދާޅުވިއިރު، ޕްރައިމަރީއާއި ގުޅިގެން މީގެ ކުރިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އަކްރާމް ވިދާޅުވީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ސިޔާސީ ހަރަކާތްތަކެއް އެމްޑީޕީން ހިންގާފައިވާ ކަމަށާއި އެޕާޓީއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ނަޝީދު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވައިފި ނަމަ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާއަކީ ޕާޓީ އުވާލުމާ ގުޅޭ މަރުހަލާތައް ބަޔާންކޮށްފައިވާ މާއްދާއެކެވެ. އަދި ސިޔާސީ ޕާޓީތަކުގެ 49 ވަނަ މާއްދާއަކީ ޕާޓީގެ ޖޫރިމަނާ ކުރުމުގެ އުސޫލުތައް ބަޔާންކުރާ މައްދާއެކެވެ.

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ކޯޓް އަމުރެއް އޮތް ކަމަށް ބުނެ، އެމްޑީޕީގެ ޕްރައިމަރީއަށް ހުރަސް އަޅައި، ބައެއް ތަންތަނުގައި ހުރި ވޯޓް ފޮށިތައް ފުލުހުން ވަނީ ގެންގޮސްފަ އެވެ. ނަމަވެސް އެމްޑީޕީން ބުނެފައިވަނީ، ސިވިލް ކޯޓުގެ އަމުރަކީ އެ ޕާޓީގެ ޕްރައިމަރީ ހުއްޓުވަން ނެރެފައިވާ އަމުރެއް ނޫން ކަމަށާއި، ކޯޓް އަމުރުގައި ބުނެފައި ވަނީ "މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ" ކަމަށެވެ. އެމްޑީޕީ ނަމަކީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެވެ. އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން ވިދާޅުވެފައި ވަނީ އެ ކޯޓް އަމުރު ތަންފީޒުކޮށްފައި ވަނީ ވެސް އަމުރާ ހިލާފަށް ކަމަށެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އަބަދަވެސް އަމަލު ކުރަނީ ގާނޫނުތަކާއި ގަވާއިދު ތަކާއި ކޯޓުތަކުގެ ހުކުމްތަކާއި އެއްގޮތަށް ކަމަށެވެ. ޕާޓީއަކުން ތަކުރާރުކޮށް ގާނޫނުގެ ބާރު ކަނޑުވާލާ ނަމަ އެޕާޓީއެއް އުވާލަން ހައިކޯޓަށް ހުށައަޅަން ގާނޫނުން ލާޒިމްކުރާ ކަމަށާއި، އެހެންމަވެސް އެފަދަ ފިޔަވަޅެއް އަޅަން ނުޖެހޭނެ ކަމަށް އުންމީދުކުރާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އުއްމީދު ކުރަނީ އެފަދަ ކަމެއް ކުރަން އަޅުގަނޑުމެންނަށް ނުޖެހޭނެ ކަަމަށް. އެހެން ނަމަވެސް ޕާޓީތަކުން ކުރާ ކަންތައް އަބަދުވެސް ބަލަމުން މިގެންދަނީ،" އަކްރަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިންޒާރު ދީފައި ވަނިކޮށް އެމްޑީޕީން ވަނީ ޕްރައިމަރީ ބާއްވައި، ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފަ އެވެ. އެ ޕާޓީން ބުނާ ގޮތުގައި ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކާ، ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ އިޖުރާއަތްތަކަކާ އިލެކްޝަންސް ކޮމިޝަނަކަށް ނުބެހެވޭނެ އެވެ.