ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ކުރުނބާ މޯލްޑިވްސްއިން ހާއްސަ ރޯދަވީއްލުމެއް ބާއްވައިފިއެވެ.
ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ 1 ޖޫން ގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ރޯދަވީއްލުމުގައި އިންޑިއާ އަދި މެދުއިރުމަތީގެ ގައުމުތަކުގެ ހާއްސަ ކެއުންތަކާއި ކުޑަކުދިންނަށް ކަމުދާނެ އެހެނިހެން ތަކެތީގެ އިތުރުން ކުދިންގެ މުނިފޫހިފިލުވުމުގެ ހަރަކާތެއްގެ ގޮތުގައި ކުއިޒެއް ކުރިޔަށް ގެންދިޔައެވެ.
މީގެ ކުރީގެ އަހަރުތަކުގައި ވެސް މިދުވަސް ފާހަގަކުރުމަށްޓަކައި ކުރުނބާ މޯލްޑިވްސްއިން ވަނީ ތަފާތު ހަރަކާތްތައް ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ބާއްވާފައެވެ.
ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހަކީ ކުޑަކުދިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ކުޑަކުދިންގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
ކުރުނބާ މޯލްޑިވްސް އަކީ ކުންފުނިތަކުން ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބާރުއެޅުމަށް އާކުން ކުރިޔަށްގެންދާ ކޯޕަރޭޓް އެމްބެސެޑަރ ޕްރޮގްރާމް ގެ އެންމެ މަތީ ދަރަޖަ ކަމުގައިވާ ޗެމްޕިއަން އޮފް ޗައިލްޑް ރައިޓްސް ކަމަށް އާކުން ބުނެ އެވެ.
އާކާއި ކުރުނބާ މޯލްޑިވްސް ގުޅިގެން 2017 އަދި 2018 އަހަރަށް އަމާޒުކޮށްގެން ފިޔަވަތީގެ މުއައްޒަފުންގެ ގާބިލްކަން އިތުރުކުރުމަށް ތަފާތު ދެ ޓްރެއިނިންއެއް ވަނީ ބާއްވާފައިވެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ ތަންތަނުގައި އާކުން ހިންގާ ޕްރޮގްރާމްތަކާއި، ހޭލުންތެރިކަން އިތުރު ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޙަރަކާތްއް ކުރިޔަށް ގެންދެވެނީ ކުރުނބާ މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އާކުން ބުނެ އެވެ.