ކ. މާލެ
|
4 ޖޫން 2018 | ހޯމަ 14:37
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅެނިކޮށް މި އަހަރުގެ މެއިމަހުގެ 30 އާ ހަމައަށް 660 މީހުން ވަނީ މަރުވެފައި
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅެނިކޮށް މި އަހަރުގެ މެއިމަހުގެ 30 އާ ހަމައަށް 660 މީހުން ވަނީ މަރުވެފައި
އަލްޖަޒީރާ
ރެފިއުޖީންގެ މައްސަލަ
ހިޖުރަވެރިން ދަތުރުކުރި ބޯޓެއް އަޑިއަށްގޮސް 46 މީހުން މަރުވެއްޖެ
ބޯޓުގައި 180 ވަރަކަށް ހިޖުރަވެރިން ތިބި
އަޑިޔަށްދިޔަ ބޯޓުން 60 މީހުން ސަލާމަތްކުރެވިފައިވޭ

ތޫނިސްގެ ދެކުނުގެ ސަރަހައްދަށް ބޯޓެއް އަޑިއަށްގޮސް ހިޖުރަވެރިންގެ 46 މީހަކު ގެނބިގެން މަރުވެ ކޯސްޓްގާޑުން އެތައް ބަޔަކު ސަލާމަތްކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީ އިން އާދީއްތަ ދުވަހު ބުނެފައި ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ކޯސްޓް ގާޑާއި ކަނޑުގެ ސިފައިން ގެންދަނީ އަސްކަރީ މަތިންދާ ބޯޓެއްގެ އެހީއާ އެކު މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުން" އިންޓީރިއާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން (އައިއޯއެމް)އިން ބުނީ ހިޖުރަވެރިންނާ އެކު އަޑިޔަށްދިޔަ ބޯޓުން 60 މީހުން ސަލާމަތްކުރެވިފައި ވާކަމަށެވެ. އެ ޖަމާއަތުގެ ތަރުޖަމާނު ޓްވިޓަރގައި ވިދާޅުވެފައި ވަނީ ގެއްލުނު މީހުންގެ އަދަދު އަދި ސާފު ނުވާ ކަމަށެވެ.

ބޯޓުން ސަލާމަތްވި މީހަކު ތޫނިސްގެ މޮސެއިކް އެފްއެމް ރޭޑިއޯގައި ބުނެފައި ވަނީ ބޯޓުގައި 180 ވަރަކަށް މީހުން ދަތުރުކުރި ކަމަށާއި ބޯޓް އަޑިޔަށްދިޔައީ ލީކެއްވެ، ދިޔަ ވެގެން ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި ބޯޓަކީ ނުވަ މީޓަރުގެ ދިގު ބޯޓެއް ކަމަށެވެ.

ބޯޓުން ސަލާމަތްވި އިތުރު މީހަކު ބުނެފައި ވަނީ ބޯޓް އަޑިޔަށްދާން ފެށުމުން، ކޯސްޓްގާޑުން ހައްޔަރުކޮށްފާނެ ކަމަށް ބަލައި ފިލުމަށްޓަކައި ކެޕްޓަން ބޯޓުން ފުންމާލި ކަމަށެވެ.

"އަހަރެން ސަލާމަތްވީ ނުވަ ގަޑިއިރުވަންދެން ލަކުޑި ގަނޑެއްގައި އޮވެގެން" ހޮސްޕިޓަލުގައި އޮވެ އޭނާ ބުންޏެވެ.

މި ފަހަރުގެ މި ހާދިސާއަކީ ފެބްރުއަރީ 2 ވަނަ ދުވަހު ލީބިޔާގެ ސަރަހައްދަށް 90 މީހުން ގެނބިގެން މަރުވި ހާދިސާއަށް ފަހު އެންމެ ގިނަ މީހުން މަރުވި ހާދިސާ ކަމަށް އައިއޯއެމްއިން ބުނެއެވެ.

ހަތިޔާރުއެޅި ޖަމާއަތްތަކުގެ އެހީއާ އެކު ލީބިޔާގެ ކޯސްޓްގާޑުން އެގައުމުގެ ސަރަހައްދު ބެލެހެއްޓުން ވަރުގަދަ ކުރުމުން އިންސާނީ ވަގުފާރީގައި އުޅޭ ފަރާތްތަކުން، ހިޖުރަވެރިން ޔޫރަޕަށް ފޮނުވުމަށް ބޭނުންކުރާ ހަބެއްގެ ގޮތުގައި ތޫނިސް ބޭނުންކުރުން ވަނީ އިތުރުވެފައެވެ.

ސަލާމަތީ ކަންކަމުގައި މަސައްކަތްކުރާ އޮފިޝަލުން ބުނާ ގޮތުގައި ބޯޓުގައި 180 ވަރަކަށް ހިޖުރަވެރިން ތިބިއިރު އޭގެ ތެރޭގައި އެފްރިކާގެ އެހެން ގައުމުތަކުން 80 މީހުން ތިއްބެވެ.

އައިއޯއެމްއިން ބުނެފައިވާ ގޮތުގައި މި އަހަރުގެ މެއިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ކަނޑު މަގުން ޔޫރަޕަށް 32،080 މީހުން ހިޖުރަކޮށްފައިވެއެވެ. މީގެ އިތުރުން މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅެނިކޮށް 660 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް