ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފު އާލާސްކަންފުޅާ އުޅުއްވާތީ، ކުރީގެ ރައީސް މައުމުން އަބްދުﷲ ގައްޔޫމްގެ ދެ މުވައްޒަފުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
މައުމޫންގެ ޕާރސަނަލް ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމްގެ މައްޗަށް އުފުލާފައި ވަނީ އަދުލްއިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ދައުވާއެވެ.
އަޒުމީ އާއި ނަޖުމާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް ކުރިކަން އެންގީ ޝަރީއަތް ފަށަން އޮތް ގަޑި ފަހަނަ އަޅައި ދިޔަތާ އެއް ގަޑިއިރު ފަހުންނެވެ. ހޯމަ ދުވަހުގެ 11:00ގައި ފަށަން އޮތް ޝަރީއަތް ކެންސަލް ކުރިކަން އެންގީ 12:15 އެހާކަންހާއިރުއެވެ.
އެ ޝަރީއަތް ކަވަރު ކުރުމަށް ކްރިމިނަލް ކޯޓަށް ގޮސް ތިބި ނޫސްވެރިންނަށް އެ ކޯޓުން، އަންގާފައި ވަނީ މައްސަލަ ބައްލަވާ ގާޒީ އާރިފު އާލާސްކަންފުޅާ އުޅުއްވާތީ ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށެވެ.
ގާޒީ އާރިފު އާލާސްކަންފުޅާ އުޅުއްވާ ކަމަށް ކޯޓުން ބުނިއިރު، އެމަނިކުފާނު ޑްރަގު ކޯޓަށް ބަދަލު ކުރަން އުޅޭކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް ޖޭއެސްސީން ބުނީ އާރިފު ޑްރަގު ކޯޓަށް ބަދަލު ކުރުމަށް އަދި ނިންމާފައި ނުވާ ކަމަށެވެ.
ހޯމަ ދުވަހު ބާއްވަން އުޅުނު ޝަރީއަތަކީ އަޒުމީ އާއި ނަޖުމާގެ ބަންދަށް ލުޔެއް ހޯދުމަށް އެ ދެ މީހުންގެ އެދިފައިވާތީ، ބާއްވަން އުޅުނު އަޑުއެހުމެކެވެ.
ނަޖްމާ އާއި އަޒްމީ މިއަހަރުގެ ފެބްރުއަރީ މަހު ހައްޔަރު ކުރީ ސަރުކާރު ވައްޓާލަން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ދިން ކަމަށް ތުހުމަތުކުރާ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅޭ މުހިންމު ހެކިތަކެއް ހުރި ކަޅު ފޮއްޓެއް ނަޖުމާގެ ގެއިން ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ނަޖުމާގެ ގެއިން ފެނުނު ކަމަށް ބުނާ "ކަޅު ފޮށި"ގެ މައުލޫމާތު ހިމެނޭ ރިޕޯޓު ކޯޓަށް ހުށަހަޅާފައި ނުވާތީ، ދިފާއީ ވަކީލުން ވަނީ އެކަން ފާހަގަކޮށްފައެވެ. އިބްތިދާއީ ގޮތުން ބޭއްވި އެ އަޑުއެހުން ނިންމާލީ ދައުވާ އާއި ގުޅިގެން ދިފާއީ ވަކީލުން ބޭނުންވާ ބައެއް ލިޔެކިޔުންތައް ހަމަ ކުރުމަށާއި ޖަވާބުދާރީ ވުމަށް އިތުރު އަޑުއެހުމެއް ބޭއްވުމަށް ފަސް ދުވަސް ދިނުމަށްފަހުއެވެ.
އަޒުމީ އާއި ނަޖުމާގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.