ފަލަސްތީނުގެ ސިޓީއެއް ކަމަށްވާ ގާޒާގައި ދިރި އުޅޭ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން, އައިއޭސީން އަތުކުރި އޮޅާލާފިއެވެ.
އައިއޭސީ އިން ބުނީ "ވިތް ލަވް – ގާޒާ ފުޑް ޕްރޮޖެކްޓް" އަކީ ގާޒާއަށް އަމާޒުކޮށް ހިންގަން ރާވާފައި ހުރި މަޝްރޫއު ތަކުގެ ތެރެއިން ފުރަތަމަ ފިޔަވަހި ކަމަށެވެ. މި ފިޔަވަހީގެ އަމާޒަކީ ދިހަ ދުވަހަށް ގާޒާގެ އާއިލާތަކަށް އެއް އިރުގެ ކޮއްތު ފޯރު ކޮށްދިނުން ކަމަށެވެ. މި ކަން ކޮށްދިނުމަށް ޓަކައި ކޮންމެ ރައްޔިތަކުވެސް ހަދިޔާ ކޮށްލަން ޖެހޭނީ އެންމެ 20 ޑޮލަރު (309ރ.) ކަމަށާއި ޖުލައި 15 ވަންދެން ފައިސާ ގަބޫލުކުރާނެ ކަމަށެވެ. ފައިސާ ފޮނުއްވުމަށް ބީއެމްއެލް އިސްލާމިކްގެ "އެހީ ޖަމިއްޔާ" އެކައުންޓަށް ޓްރާންސްފާ ކޮށްދިނުމަށް އައިއޭސީ އިން އެދެއެވެ. އެކައުންޓްގެ ނަންބަރަކީ:
ރުފިޔާ އެކައުންޓް: 7770000014818
ޑޮލަރު އެކައުންޓް: 7770000014817
އައިއޭސީއިން ވަނީ ފައިސާ ޖަމާކުރަންވީ އެކައުންޓް ނަންބަރު މޭ 23 ވަނަ ދުވަހު ފޭސްބުކް ޕޭޖްގައި ޝާއިއު ކޮށްފައެވެ. އެއާއެކު އެކައުންޓަށް ލިބުނު ފައިސާއިން އިއްޔެ ކާބޯތަކެތި ބަހަން ފެށިއިރު، އިއްޔެ އެކަނިވެސް 250 އާއިލާއަށް ވަނީ ކާބޯތަކެތި ދެވިފައެވެ. ފޯރުކޮށްދޭ ކާބޯތަކެތީގެ ތެރޭގައި ޓޮމާޓޯ، ކިއުކަމްބާ، އަލުވި، ފިޔާ، ބަށި، ފެހި ބީންސް، ކައުލި ފްލާވާ، ކުކިންގް އޮއިލް، ކުކުޅު އަދި ރޮށި (ބަނަސް، ޕާން...) ހިމެނެއެވެ.
އައިއޭސީ އިން ބުނީ ފަލަސްތީނުގައި ކުރިއަށް ރާވާފައިވާ މަޝްރޫއު ތަކުގެ ތެރޭގައި ކަރަންޓުގެ ޕްރޮޖަކްޓްތަކާއި، ސާފު ބޯފެން ފޯރު ކޮއްދިނުމުގެ މަސައްކަތާ އަދި އިރާދަ ކުރެއްވިއްޔާ މެޑިކަލް ޕްރޮޖެކްޓެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. އައިއޭސީން ވަނީ ރޮހިންޖާ މުސްލިމުންނަށް ހާލު ޖެހުނު އިރުވެސް، އެމީހުންނަށް އެހީވުމަށްޓަކައި ވަރަށް ބޮޑެތި ތަފާތު ގިނަގުނަ ހަރަކާތްތައް އިސްވެތިބެ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހިންގާފައެވެ.