ސުޕްރީމް ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން އެދުވަހު ސިއްރު ހެއްކާއި، ސިއްރު ރިޕޯޓްތައް ބަލައިނުގަތް ނަމަ މިއަދު އެފަދަ ސިއްރު ރިޕޯޓްތަކާއި، ހެކިތަކާއި ކުރިމަތިލާން ނުޖެހުނީސް ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބަހުގެ ހަމަލާތަކެއް ދެއްވައިިފިއެވެ.
ސިއްރު ހެކާއި، ސިއްރު ރިޕޯޓަކީ ނުރައްކާތެރި ދެ ވަސީލަތްކަން ފާހަގަކުރައްވައި ފާއިޒްގެ އަމިއްލަ ފޭސްބުކްގައި ލިޔުއްވާފައި ވަނީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައިވަނީ ސިއްރު ހެއްކާއި، ސިއްރު ރިޕޯޓްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ހަތެކެވެ. އަދި އޭރުގެ އުއްތަމަ ފަނޑިޔާރަކީ ފާއިޒް އެވެ. ފާއިޒް ވިދާޅުވީ އެ މައްސަލާގައި ހުށައަޅާފައިވާ ހެކި ސިއްރުކޮށްދިނުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އެދުނު ކަމަށެވެ. އަދި ބަންޑާރަ ނައިބުގެ ފަރާތުން ހުށައެޅުއްވީ ސިއްރު ޕޮލިސް ރިޕޯޓެއް ކަމަށެވެ.
ފާއިޒް ވިދާޅުވީ އެ މައްސަލާގައި ޕްރައިމަރީ އެވިޑެންސް ސިއްރުކޮށް، ޖަވާބުދާރީވާ ފަރާތް އަނދިރީގައި އޮއްވާ މައްސަލަ ސާބބިތުކުރުމާއި، އެފަދަ ހެކި ބަލައިގަތުމާ މެދު ރައުޔު ތަފާތުވުމުން ވަކި ރައުޔެއް ލިޔުމަށް ނިންމެވި ކަމަށެވެ. އަދި ސިއްރު ހެއްކާއި، ސިއްރު ރިޕޯޓެއްގެ މައްޗަށް ބިނާކޮށް އިންތިހާބުގެ ނަތީޖާ ބާތިލްކުރުމަށް ނުފެންނަ ކަމަށް ރައުޔުނެރުއްވި ކަމަށް ފާއިޒް ވިދާޅުވިއެވެ.
ފާއިޒް އިޝާރަތްކުރައްވާފައިވާ މައްސަލާގައި ރައުޔު ތަފަތުވެފައި ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެއެވެ. އެއީ ފާއިޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗުގައި އޭރުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އަޤުލަބިއްޔަތުން ނިންމާފައި ވަނީ ސިއްރު ހެއްކާއި ރިޕޯޓެއްގެ މައްޗަށް ބިނާކޮށް އިންތިހާބުގެ ނަތީޖާ ބާތިލްކުރުމަށެވެ. ފަހުން ވަނީ ގާނޫނަށް ގެނައި ބަދަލާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކޮށް އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.
ފާއިޒް ވަނީ އެ މައްސަލާގައިި ތަފާތުވި އޭނާގެ ރައުޔު ވެސް ފޭސްބުކްގައި ހިމަނުއްވާފައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން އެ ދުވަހު ސިއްރު ހެއްކާއި، ސިއްރު ރިޕޯޓްތައް ބަލައިނުގަތް ނަމަ ނުވަތަ ލިމިޓެއް ކަނޑައެޅުއްވި ނަމަ މިއަދު ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އާންމު އުސޫލަކީ ސިއްރު ހެއްކާއި ސިއްރު ރިޕޯޓަށް ނުވީސް ކަމަށެވެ. އަދި ހިތާމަޔަކީ މައްސަލަތަކެއް ހުރި ޖިނާއީ އިޖުރާތުގެ ޤާނޫނުގެ ދަށުން ނަމަވެސް މިއަދު ސިއްރު ހެއްކާއި ސިއްރު ރިޕޯޓް ބޭނުންކޮށްގެން މީހުންގެ މައްޗަށް ޖިނާއީ ކުށްތައް ސާބިތުކުރަމުން ދިޔުން ކަމަށް ފާއިޒް ވިދާޅުވިއެވެ.
ސިއްރު ހެއްކާއި، ސިއްރު ރިިޕޯޓް ބަލައިގަތުމަށް ނިންމާ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކުރީ މިހަރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާޤުންނެވެ. އޭގެތެރޭގައި މިހާރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު ވެސް ހިމެނިވަޑައިގަންނަވައެވެ. ދައުލަތުން އެ ދެބޭފުޅުންގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، މުޅިިހެން ވެސް ހުށައަޅާފައި ވަނީ ސިއްރު ހެކާއި ބަޔާންތަކެކެވެ.