ކ. މާލެ
|
4 ޖޫން 2018 | ހޯމަ 00:40
ތޯމަސް މުލާ
ތޯމަސް މުލާ
ގެޓީ އިމޭޖަސް
ތޯމަސް މުލާ
ބަޔާން ދޫކޮށްލާނެ ފަދަ އިޝާރާތެއް މުލާ ދީފި
އޭނާ ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު ތޯމަސް މުލާ އެ ޓީމު ދޫކޮށްލާނެ ފަދަ އިޝާރާތެއް ދީފިއެވެ.

އުމުރުން 28 އަހަރުގެ މުލާ މުޅި ކެރިއަރު ވެސް ވޭތުކޮށްފައިވަނީ ބަޔާންގައެވެ. އޭނާ ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު ކަމަށްވާއިރު ވޭތުވެދިޔަ ޓްރާންސްފާ މާކެޓުތަކުގައި އޭނާ އެހެން ޓީމަކަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ގަދަވެފައިވެއެވެ. ބަޔާންއާއެކު އޭނާ ވަނީ ހަތް ފަހަރެއްގެ މަތިން ބުންޑެސްލީގާ ކާމިޔާބުކޮށް ޔުއެފާ ޗެމްޕިއަންސް ލީގެއް ވެސް އުފުލާލާފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މުލާ ބުނީ އެހެން ޓީމަކަށް ކުޅުން ވެގެންދާނީ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ކަމަށާއި އެފަދަ ކަމެއް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އޭނާ ބުނީ ބަޔާން ދޫކޮށްލުން ވެގެންދާނީ ވަރަށް އުނދަގޫ ކަމަކަށް ކަމަށާއި އެހެން ކަމެއް ކުރުމަށް ވިސްނާފައިވެސް ނުވާ ކަމަށެވެ.

އޮސްޓްރިއާ އަތުން 2-1 ގެ ނަތީޖާއަކުން ޖަރުމަނު ބަލިވި މެޗުގައި މުލާ ކުޅެފައިނުވާއިރު ސައުދީ އަރަބިއްޔާ އާއި ދެކޮޅަށް ޖަރުމަނު ކުޅޭ މެޗުގައި އޭނާ ފެންނާނެއެވެ. މިއަހަރުގެ ވޯލްޑް ކަޕަށްދާ ޖަރުމަނުގެ ގައުމީ ޓީމުން ވެސް މުލާއަށް ފުރުސަތު ލިބޭނެ ކަމަށް ބެލެވެއެވެ. އޭނާ ވަނީ އެންމެފަހުން ކުޅުނު ދެ ވޯލްޑް ކަޕް އެއްކޮށް 10 ލަނޑު ޖަހާފައެވެ.

މުލާ މިގޮތަށް ވާހަކަ ދައްކާފައިވާއިރު އޭނާއާއެކު ބަޔާންއަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޯސްކީ އެ ޓީމު ދޫކޮށްލަން އުޅޭ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އޭނާ އެހެން ޓީމަކަށް ބަދަލުވާން ބޭނުންވާ ކަމަށް އޭނާގެ އޭޖެންޓް ޕިނީ ޒަހާވީ ވެސް ވަނީ ބުނެފައެވެ.

އަންނަ ސީޒަނުގައި ބަޔާންގެ ކޯޗުކަމާއި ނިކޯ ކޮވާޗް ހަވާލުވާއިރު އެ ޓީމުގެ ނަން މަޝްހޫރު ތަރިންތަކެއް ވަނީ އެ ޓީމު ދޫކޮށްލަން ބޭނުންވާ އިޝާރާތްތަކެއް މީޑިއާތަކަށް ދީފައެވެ. އެގޮތުން ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އަދި ޖެރޯމް ބޯޓެންގް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް