ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވި ކަމަށް ކަނޑައަޅައި ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އަދަބު ހައި ކޯޓުން ލުއިކޮށްދީފިއެވެ.
ދަށު ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރެ ޝަރީއަތް ކުރުމަށް، ގާޒީންނަށް ނުފޫޒު ފޯރުވި ކަމުގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރި ޖަލު ހުކުމުގެ އަދަބުން ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވަނީ އުނި ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އެއް އަހަރާޢި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. ހައި ކޯޓުން ވަނީ އެ އަދަދު އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ލުއި ކޮށްދީފައެވެ.
ދެ ފަނޑިޔާރުންގެ މައްޗަށް ވަކިވަކިން ކުރި ދެ ހުކުމްގައި ބުނެފައި ވަނީ އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނަވައިގެން އަބްދުﷲ ސައީދު 2016 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހާ ހަމައަށް ދަށު ކޯޓުގެ ގާޒީންނަށް ގުޅައި، ވަކި ކަންތައްތަކެއް ކުރުމަށް ނުފޫޒު ފޯރުވި ކަމަށެވެ. ފަނޑިޔާރު އަލީ ހަމީދު ވެސް ދަށު ކޯޓުގެ ގާޒީންނަށް ގުޅައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށާއި ހުކުމްތައް ބަދަލު ވެސް ކޮށްފައިވާ ކަމަށް ހައި ކޯޓުގެ ހުކުމްގައިވެއެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދަށު ކޯޓުން ކުށް ސާބިތުކޮށްފައި ވަނީ ދެ ގާޒީއަކު ދެއްވި ހެކި ބަހަކަށް ރިޔާއަތްކޮށެވެ. ޝަރީއަތްތަކާ ގުޅިގެން ލީކުވެފައިވާ ބަޔާންތަކުން އެނގޭ ގޮތުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ހެކިބަސް ދިނީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމެވެ.
ފަނޑިޔާރުންގެ ނުފޫޒުގައި ޖެހި، ވަކި ގޮތަކަށް ކޯޓުން ހުކުމް ކުރި ކަމަށް އެ ދެ ގާޒީން އިއުތިރާފުވެފައި ވާތީ، ދިފާއީ ވަކީލުން ހައި ކޯޓުގައި ފާހަގަކޮށްފައި ވަނީ އެ ދެ މީހުންނަކީ އަދުލުވެރި ކަމެއް ނެތް ދެ މީހުން ކަމަށާއި އެ ދެ މީހުންގެ ހެކިބަސް ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށެވެ.
ވަކީލުންގެ އެ ވާހަކަތަކަށް ރިޔާއަތްކޮށް، ހައި ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އަދުލުވެރި ކަން މީހެއްގެ ކިބައިން ގެއްލޭނީ ބޮޑު ފާފައެއް ކުރުމުން ކަމަށެވެ. ބޮޑެތި ފާފަތައް ކުރާ މީހުންނަކީ އަދުލުވެރިކަމެއް ނެތް ފާސިގުން ކަމަށް ހައި ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
އަޑު ބަދަލުކޮށްގެން، ސިއްރުން ހެކިބަސް ދިން ދެ މީހުންނަކީ އަދުލުވެރިކަން ގެއްލިފައިވާ ބައެއް ނޫން ކަމަށާއި އެ މީހުންގެ ހެކި ބަސް ޝަރީއަތަށް ބަލައިގަނެވޭނެ ކަމަށް ހުކުމްގައިވެއެވެ.
އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވި ކަމުގެ ދައުވާގެ އިސްތިއުނާފު އަޑުއެހުން ހައި ކޯޓުގައި ބެއްލެވީ އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލް ޢަނީ މުހައްމަދާއި ފަނޑިޔާރު އަލީ ސަމީރު މުހައްމަދެވެ.