ރާއްޖޭގެ ބައެއް ރަށްރަށަށް މިހާރު ލައްގަމުންދާ މަސްތުވާތަކެތީގެ މައްސަލައިގެ މައުލޫމާތު މިވަގުތު ހާމަ ކުރެވެން ނެތް ކަމަށާއި ފަހުން މީޑިއާއަށް ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ހއ. އިންނަފިނޮޅު ކައިރިން ފަރަށް އެރި ބޯޓުން އޮޔާދިޔަ މަސްތަވާތަކެތި ކަމަށް ބެލެވޭ އެއްޗިހިތަކެއް އެ އަތޮޅުގެ ބައެއް ރަށްތަކަށް ލައްގަމުން ދާތީ މިހާތަނަށް ކިހާ އަދަދެއްގެ މަސްތުވާތަކެތި މިމައްސަލައިގައި ހޯދިފައިވޭތޯ އޮޅުން ފިލުވުމަށާއި އެމައްސަލައިގެ ތަހުގީގާއި ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށް ގުޅުމުން ފުލުހުން މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ މައުލޫމާތު މިވަގުތު މީޑިއާއަށް ހިއްސާ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް މިމައްސަލައިގެ މައުލޫމާތު ފަހުން މިީޑިއާއަށް ހިއްސާ ކުރާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެރި އީރާނުގެ ބޯޓުން އުކާލި ކަމަށް ބެލެވޭ މަސްތުވާތަކެތި އެ އަތޮޅުގެ ބައެއް ރަށްރަށުގެ ގޮނޑުދޮށަށް ލައްގަމުން ދާއިރު، މިހާތަނަށް އިހަވަންދޫ އާއި މުޅަދޫއާއި އުލިގަމު ގޮނޑުދޮށުން ވެސް ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއް ފެނިފަ އެވެ.
އިންނަފިނޮޅު ފަރަށް އެރި ބޯޓް ކައިރިއަށް ކޯސްޓްގާޑުން ކައިރި ކުރަން ފެށުމުން އެބޯޓްގައި ރޯކޮށްލުމަށް ފަހު އޭގައި ތިބި މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އެވަގުތު އެ ބޯޓުގައި އަށް މީހުން ތިބި ކަމަށް ވެއެވެ. އެ މީހުން މިހާރުތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.