އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުންނަށް ހުރަސް އެޅި މައްސަލައާއި ގުޅިގެން ހައްދުންމަތީ ގަމުން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ލ. ގަމު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އެ ރަށު ތުނޑީ އަވަށު އަހުމަދު ނަބީލާއި، އިބްރާހިމް އިދުރީސްގެ އިތުރުން މުހައްމަދު ޒަކީއެވެ. މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ ލ. ގަމު ތުނޑީ އަވަށުގައި ހުންނަ އެމްޑީޕީ ހަރުގޭގައި ކުރިއަށް ދިޔަ އެ ޕާޓީގެ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުންކުރި މަސައްކަތަށް ހުރަސްއެޅި މައްސަލައާއި ގުޅިގެންނެވެ. މި ތިން މީހުން ހައްޔަރުކުރުމަށް ފަހު ހުކުރު ދުވަހު މެންދުރު ގަމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ތިން މީހުންގެ ބަންދުގެ މުއްދަތަށް 10 ދުވަސް ވަނީ ޖަހާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ފުލުހަކަށް މާރާމާރި ހިންގިކަމުގެ ތުހުމަތާއި، ފުލުހަކަށް މަރުގެ އިންޒާރު ދިނުން ވެސް ހިމެނެވެ. މި ކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޕްރައިމަރީގެ ވޯޓްލުން ހުއްޓުވަން ފުލުހުން މަސައްކަތްކުރި އިރު އެ ސަރަހައްދުގައި ހުރި މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ފުލުހުން ވޯޓް ފޮށިތައް ގެންދަން ފެށުމުން ގަމު ރައްޔިތުން ވޯޓް ލާފައި ވަނީ ކޮންކުރިޓް ގަށާ މެޝިނެއް ބަހައްޓައިގެންނެވެ. އެ މެޝިން ގެންދިއުން ފުލުހުންނަން ބޮޑު ކަމަކަށް ވުމުން، ކޮންމެ ފަހަރެއްގައި ވެސް ތުނޑީ ހަރުގެއަށް ފުލުހުން ގޮސް މަސައްކަތް ކުރަނީ ވޯޓް ކަރުދާސްތައް ގެންދަން ކަމަށް އެނާ ބުންޏެއެވެ.
އެގޮތުން ވޯޓް ގުނަން ތިއްބަ ފުލުހުން އެމްޑީޕީ ހަރުގެއަށް ދިއުމުން ވޯޓް ގުނަން ތިބި ތިން މީހުން ވެސް ވޯޓް ކަރުދާސްތައް ހިފައިގެން ހަރުގެއިން ބޭރަށް ނުކުތެވެ. އެ ވަގުތު އިބްރާހިމް ޒަކީ އަތުގައި ހުރި ވޯޓް ކަރުދާސްތައް އަތުލުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި އިބްރާހިމް ޒަކީ ބިންމައްޗަށް ވެއްޓި އެނާގެ ފައިގެ އިނގިލި ބިންދައިގެން ދިއުމުން، އެކަމާއި އެސަރަހައްދުގައި ތިބި އެމްޑީޕީގެ އާއްމު މެމްބަރުން ކަންބޮޑުވުން ފާޅުކުރިކަމަށް ގަމުން މައުލޫމާތު ދިން މީހަކު ބުންޏެއެވެ. އެވަގުތު އެ ސަރަހައްދުގައި ހައްޔަރުކޮށްފައި ތިބި ތިން މީހުން ވެސް ތިބި ކަމަށާއި، އިބްރާހިމް ޒަކީއަށް އަނިޔާކުރުމުން އެކަމާއި ދެކޮޅަށް އެމީހުން ކަންބޮޑުވުން ފާޅުކުރި ކަމަށް ވެސް އެނާ ބުންޏެއެވެ.