ހުޅުމާލޭގައި ދިރިއުޅޭ އަންހެނަކު މާލެ އައުމަށް ފެރީއަށް އެރި ފަހުން ގެއްލިގެން ހޯދަމުންދަނިކޮށް އެނބުރި ގެއަށް ގޮސްފިއެވެ.
ގެއްލިގެން ހޯދަމުންމުންދަނިކޮށް ގެއަށް ގޮސްފައިވަނީ ނަފްސާނީ ބައްޔަން ފަރުވާ ހޯދަމުންދާ، ފާތިމަތު ފަޒީލާ ރަޝީދު ނަމަކަށް ކިޔާ މާލެއަށް ނިސްބަތްވާ އަންހެނެކެވެ. މީހަކާ ވެސް އިނދެގެން އުޅޭ، ފަސް ދަރިންގެ މަންމަ، ފަޒީލާ ގެއްލުނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ހުޅުމާލޭ ފެރީއަށް އެރިފަހުންނެވެ.
ފަޒީލާ ފެނިފައި ވަނީ އޭނާ ގެއްލުނުތާ 26 ގަޑިއިރުފަހުންނެވެ.
ފަޒީލާގެ އާއިލާއިން ބުނީ އޭނާ އެނބުރި ގެއަށް ދިޔައީ ހުކުރު ދުވަހުގެ މެންދުރުފަހު ކަމަށެވެ. ފަޒީލާ އުޅުނީ ކޮންތަނެއްގައިކަން ނޭނގޭ ކަމަށާއި އެކަންކަން އާއިލާއިން ސާފު ކުރަމުންދާ ކަމަށް އާއިލާއިން ބުންޏެވެ.
ފަޒީލާ ހޯދުމަށްޓަކާ ހުޅުމާލޭ ފެރީޓާމިނަލްގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްވެސް ވަނީ ބަލާފައެވެ. ކެމެރާތަކުގެ ފުޓޭޖުން ފެންނަ ގޮތުގައި އޭނާ ހުޅުމާލޭއިން ފުރައިގެން މާލެއަށް އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:40ގެ ފެރީންނެވެ. އެއަށްފަހު ފަޒީލާގެ ޚަބަރެއް ނުވާކަމަށް އާއިލާއިން ބުންޏެވެ.
މީގެ ކުރިން ފަޒީލާ ވަނީ ތިން ފަހަރެއްގެ މަތިން ގެއްލިފައެވެ. ނަމަވެސް އެ ފަހަރުތަކުގައި މާ ގިނައިރުތަކެއް ނުވެ، އޭނާ ފެންނަ ކަމަށް އާއިލާއިން ބުންޏެވެ.