ހުއްޓުމެއްނެތި މިހާތަނަށް ކުރާ އެންމެ ދިގު ދަތުރުގެ މައުލޫމާތު ސިންގަޕޯ އެއާލައިނުން ހާމަކޮށްފިއެވެ.
އެއާލައިނުން ބުނީ ހުއްޓުމެއް ނެތި 18 ގަޑިއިރާއި 45 މިނިޓުގެ ދަތުރު ފަށާނީ އަންނަ އޮކްޓޯބަރ މަހު ސިންގަޕޫރުން އެމެރިކާގެ ނިއުޔޯކަށް ކަމަށެވެ. އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ފަށާ މިދަތުރުގައި ބައިވެރި ވެވޭނީ ޕްރިމިއަމް އިކޮނޮމީ އާއި ބިޒްނަސް ކްލާހުގެ ޕަސިންޖަރުންނަށް އެކަންޏެވެ. ސިންގަޕޯ އެއާލައިންގެ އާ ފްލައިޓް އޭ350-900 ޔޫއާރުއެލް މަރުކާގެ ފްލައިޓުގައި ޕްރިމިއަމް އިކޮނޮމީގެ 94 ސީޓާއި ބިޒްނަސް ކްލާހުގެ 67 ސީޓު ހުރެއެވެ. މިދަތުރުގެ ޓިކެޓްތައް ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ވިއްކަން ފަށާފައެވެ.
މީގެ ކުރިން ގަތަރު އެއާވޭސް އިން ވެސް ވަނީ އެފަދަ ދިގު ދަތުރެއް ކޮށްފައެވެ. މިދިޔަ އަހަރު ގަތަރު އެއާވޭސް ފްލައިޓް ކިއުއާރު 920 ކޮށްފައި ވަނީ 16 ގަޑިއިރާއި 23 މިނިޓުގެ ދިގު ދަތުރެކެވެ.