ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބާއްވާ ތާރީޚު އަވަސް ކުރުމަށް އެ ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.
ޖޭޕީގެ 3 ވަނަ ކޮންގްރެސް ބާއްވާ ތާރީޚު އަވަސްކުރުމަށް އެ ޕާޓީގެ ކައުންސިލުން ނިންމާފައިވަނީ ބުދަ ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައެވެ. އެގޮތުން އަންނަ ޖޫން މަހުގެ 28 ން 29 ށް ބޭއްވުމަށް ކުރިން ރާވާފައި އޮތް އެ ކޮންގްރެސް ބޭއްވުމަށް މިހާރު ނިންމާފައިވަނީ ޖޫން މަހުގެ 21 ން 22 ށެވެ.
މި ނިންމުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޙުމަދު ސަމީރު ވިދާޅުވެފައިވަނީ، ކޮންގެރެސް ބޭއްވުމަށް ތަނެއް ހަމަޖައްސައިދިނުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުގައި އެޕާޓީން ލިޔުމުން އެދިފައިވީ ނަމަވެސް، މުއައްސަސާތަކުން އެކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށާއި، ކޮންގެރެސް ބާއްވާނެ ތަނެއް ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
ސަމީރު ވިދާޅުވެފައިވަނީ ބައެއް މުއައްސަސާތަކުގައި ތަނެއް ހަމަޖައްސައިދިނުމަށް ލިޔުމުން އެދުމުން، އެކަން ކޮށްދެވެން ނެތް ކަމަށްބުނެ ޖަވާބު ދިނީ ފޯނުން ކަމަށެވެ. އަދި މާލޭގެ ސްކޫލެއްގެ ހޯލެއް ހަމަޖައްސައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީންވެސް އެކަމަށް އިޖާބަދީފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ ޕާޓީގެ ކޮންގްރެސް ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން ވަނީ ނިންމާފައެވެ.
މިފަދަ ކަންކަމުގައި އިދިކޮޅު ޕާޓީތަކާއި މެދު ގެންގުލޭ ތަފާތުކުރުމާއި، އެ ޕާޓީތަކަށް ސަރުޚާރުގެ މުއައްސަސާތަކުން ދަތިކުރާކަން ފާހަގަކުރައްވައި ސަމީރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.