ގުޅިފައިވާ ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ މިވެރިކަން ނިންމަން ތައްޔާރަށް ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަން ކެންޑިޑޭޓް ނެރެ މިކަން ނިންމަން ތައްޔާރު ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ޕާޓީތަކުގެ އާންމު މެންބަރުންނާއި ރާއްޖޭގެ ރައްޔިތުން މިއަދު ތަހައްމަލް ކުރަމުންދާ އަނިޔާވެރިކަމުން ސަލާމަތްކުރުމަށް އިދިކޮޅު ލީޑަރުން ތިއްބެވީ ތައްޔާރަށް ކަމަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވެސް ހުންނެވީ މިގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރެއްވުމަށް ތައްޔާރަށް ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީއާ ގުޅިގެން އާންމުންގެ ބަޔަކު ހައްޔަރުކޮށްފައިވާތީ ކަންބޮޑުވުންފާޅު ކުރައްވާ އަލީ ވަހީދު ވިދާޅުވީ އަނިޔާވެރިކޮށް ހައްޔަރުކުރެވުނު އެމްޑީޕީގެ އާންމު މެންބަރުން ވަގުތުން ވަގުތަށް މިނިވަންކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރަށް އަލީ ވަހީދު ވިދާޅުވީ ކުރިން ނުހުއްޓުވުނު ބަޔަކު މިއަހަރު އަމުދުން ނުހުއްޓުވޭނެ ކަމަށާއި، އެކުއެކީގައި މަސައްކަތްކޮށް މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.