އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ އިހުމާލުން އެހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އަންހެނަކު މަރުވިކަމަށް ބުނާ މައްސަލަ އެހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.
މަރުވީ ހ. އުނިގަސްދޮށޫގޭ އުމުރުން 59 އަހަރުގެ އައިޝަތު އާދަމް އެވެ.
މިމައްސަލައާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، ބަލި މީހާގެ އާއިލާއިން އެފަދަ ޝަކުވާތަކެއް ހޮސްޕިޓަލަށް ހުށައަޅާފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ. އަދި މައްސަލަ ބަލައި ނިމުމުން ހޮސްޕިޓަލުން އެމައުލޫމާތު އާއިލާ އާއި ހިއްސާ ކުރާނެ ކަމަށް ވެސް އައްފާލު ވިދާޅުވި އެވެ.
އައިޝަތު އާދަމްގެ އާއިލާއިން ބުނީ އައިޝަތަކީ ހިތުގެ ވިންދު ލަސްވުމުން ޕޭސްމޭކާ ލައްވާފައިވާ އަދި ކިޑްނީގެ މައްސަލަތަކެއްގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. އައިޝަތު އޭޑީކޭގައި އެޑްމިޓް ކުރީ މިމަހު 23 ވަނަ ދުވަހު ނޭވާލުމަށް އުނދޫވެގެން ކަމަށާއި، އަދި އައިސީޔޫގައި ފަރުވާ ދިނުމުން ނޭވާލާން ލުއިވި ކަމަށެވެ. އޭރު އައިޝަތު އާދަމްގެ ސީރިއެސް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށާއި، ހާލަތު ގޯސްވީ އޭނާގެ އަތަށް ގުޅި ކެނިއުލާ ނާރުން ނެއްޓި މަސްގަނޑުގެ ތެރެއަށް އައިވީ އާއި އެންޓިބަޔޮޓިކް ބޭސްތައް ދިނުމުގެ ސަބަބުން ކަމަށެވެ. އެކަމާއި ގުޅިގެން އައިޝަތު އާދަމަށް ފަރުވާ ދިނުމަށް ޑޮކްޓަރު އިހުމާލުވެފައިވާ ކަމަށް އައީލާއިން ބުންޏެވެ.
އައިޝަތު އާދަމްގެ ހާލަތު ގޯސްވުމުން އާއިލާއިން ބަލިމީހާ ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ކުރި ކަމަށާއި އަތުގެ އިނގިލިތަކުގެ ވިންދު މާބޮޑަށް ދަށްވުމާއި ގުޅިގެން އޭޑީކޭއިން އޮޕަރޭޝަން ކުރުމަށް ނިންމީ ކަމަށް ވެސް އައިޝަތުގެ އާއިލާއިން ބުންޏެވެ.
އައިޝަތު އަތުގެ މައްސަލަ އަށް ފަރުވާދިނުމަށް މަސައްކަތް ކުރީ ޑރ. ޝަރަދު ކިޔާ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހުރީ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. އަދި ފުރުން ވަނީ ވެސް ވަނީ މަނާކޮށްފަ އެވެ.
އައިޝަތުގެ އާއިލާއިން ބުނީ މިމައްސަލަގައި ޑޮކްޓަރުގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ގަބޫލުކުރެވޭތީ އައިޝަތަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ ހުރިހާ އިދާރާތަކަށް މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.