މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖާ ގުޅުވައިގެން ހުޅުލެއިން ފެށިގެން ހަދާ ލިންކް ރޯޑުގެ ތާރު އަޅަން ތައްޔާރުވެއްޖެ އެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން(އެޗްޑީސީ)އިން ބުނީ ލިންކް ރޯޑްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ތޮށިލުމުގެ މަސައްކަތާއި، ތާރު އެޅުމުގައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ މަގުގެ އަރިމަތިން ހިނގަން ކަނޑައަޅާފައިވާ ޕޭވްމަންޓް ވެސް އެއްކޮށް ހަދާ ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުރިހާ ވައްތަރެއްގެ ވެހިކަލް ދުއްވޭ ގޮތަށް ތަރައްގީ ކުރާ މިލިންކް ރޯޑްގެ ޑިޒައިންކޮށް ތަރައްގީ ކުރަން ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.
މީގެ އިތުރުން ބްރިޖާ ގުޅޭ މާލޭގެ މަގުތައް ފުޅާކޮށް ތާރުއަޅައި ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން، މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރަން ވަނީ ނިންމައިފަ އެވެ.