އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުންނަށް ހުރަސްއެޅި 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި 15 މީހުން ހައްޔަރުކޮށްފައި ވަނީ އަތޮޅު ތެރެއިން ކަމަށެވެ. މާލެ ސިޓީ އިން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، މި މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި މާރާމާރީ ހިންގި ކަމުގެ ތުހުމަތުތަކުގައި ކަމަށެވެ.
ޕްރައިމަރީ ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިނގާފައި ވެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ސިވިލް ކޯޓުން ވަނީ އަމުރު ނެރެފައެވެ. ސިވިލް ކޯޓުގެ އިސް ގާޒީ އަލީ އަބްދުﷲ ސޮއިކުރައްވައި ނެރުއްވި ވަގުތީ އަމުރުގައި ބުނެފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ބާއްވާ ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށާއި އެކަން ހުއްޓާލުމަށް އެމްޑީޕީއަށް އަންގާ ކަމަށެވެ. އަދި އެގޮތަށް ޕްރައިމަރީ ބާއްވާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް، އިލެކްޝަންސް ކޮމިޝަނުން އެދިގެން ނެރުނު އަމުރުގައި ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ވޯޓު ފޮށިތައް ގެންދިއުމުންވެސް އެމްޑީޕީންވަނީ ތަފާތު އެކި ގޮތްތައް ބޭނުންކޮށްގެން ވޯޓުލުން ކުރިއަށްގެންގޮސްފައެވެ.