ހުކުމް ތަންފީޒް ކުރަމުންދާ ފަރާތްތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ ފަރާތްތަކުގެ އިންޓަރވިއުތަކާއި ބަޔާންތައް ގެނެސްދީގެން ނުވާނެ ކަމަށް ބުނެ މީޑިޔާތަކަށް އިންޒާރުދީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ނެރުނު ސަރކިއުލާ ބާތިލްކޮށްދިނުމަށް އެދި ރާއްޖެ ޓީވީން ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
މިމައްސަލަ ބުރާސްފަތި ދުވަހު ކޯޓަށް ހުށަހެޅުމަށް ފަހު ރާއްޖެ ޓީވީގެ ޤާނޫނީ ވަކީލާ މަރިޔަމް މުނާ ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ އެސަރކިއުލާ ނެރުމުގައި އެއްވެސް ޤާނޫނީ ބުރަދަނެއް ނެތުމުން ކަމަށެވެ. އަދި މައްސަލަ ބަލައިގެންފައި ވާކަމަށާއި ވީހާ އަވަހަކަށް މައްސަލައާ މެދު ގޮތެއް ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"29 މެއި 2018 ގައި ބްރޯޑްކާސްޓިން ކޮމިޝަނުން ނެރެފައިވާ ސަރކިއުލާއަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްއަޅާފައިވާ ސަރކިއުލާއެއް ކަން ސާބިތު ކުރުމަށް މައްސަލަ ކޯޓަށް ހުށަހަޅާފައި ވާނީ" މުނާ ވިދާޅުވިއެވެ.
ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ އެސަރކިއުލާއަކީ މިފަހުގެ ތާރީޚްގައި ދިވެހި މީޑިޔާއަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށާއި އެކަމުގެ ސަބަބުން މީޑިޔާތަކަށް ވަރަށް ބޮޑެތި ހުރަސްތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެސަރކިއުލާގައި ބުނާ ކަންކަމުގައި އެއްވެސް ޤާނޫނީ ހުއްޖަތެއް ދެއްކިފައި ނުވާ ކަމަށާއި އެއީ ކަނޑައެޅިގެން ބާތިލް ބަޔާނެއް ކަމަށް ފިޔާޒު ވިދާޅުވި އެވެ.
"އޭގައި [ސާކިއުލާގައި] ހަވާލާދީފައިވާ ޤާނޫނުގައި ވެސް ނެތް އެއްވެސް ނޫސްވެރިއަކު އަދި ބްރޯޑްކާސްޓަރަކު ޒިންމާވާން ޖެހޭ އެއްވެސް މާއްދާއެއް. އެ ސާކިއުލާގައި ޤާނޫނީ އެއްވެސް ބިންގަލެއް. އެހެންވީމާ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންޑޭޓުގެ ބޭރުން ނެރެފައިވާ ސަރކިއުލާއެއް ކަމަށް އަޅުގަނޑުމެން ޤަބޫލްކުރާތީ ބާތިލް ކުރުމަށް މި ހުށަހެޅީ،" ފިޔާޒް ވިދާޅުވިއެވެ.
މި މައްސަލަ ނިމި ރާއްޖެ ޓީވީއަށާއި ރާއްޖޭގެ މީޑިޔާތަކަށް އިންސާފް ލިބިގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.
ބްރޯޑްކޮމްއިން އަންގާރަ ދުވަހު ނެރުނު ސަރކިއުލަރގައި ބުނެފައި ވަނީ ޝަރުޢީ ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތަކާ ބައްދަލުކޮށް، އެއްވެސް މަޢުލޫމާތެއް ހޯދައި، އެ މައުލޫމާތެއް ބޭނުންކުރަން ވާނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ "ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވާއިދު" އާއި "ޤައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަން ޖެހޭ މީހުންނާ ބައްދަލުކުރުމާއި ފޯނުކުރުމާއި، ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށެވެ.
ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ނަމުގައި މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ފަރުދުން ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރިކޮށް ޤައިދީން ޕްރޮމޯޓްކޮށް ކުރިއަށް ނެރެ ޝަޙްސު އޮޅޭ ގޮތަށް ހިންގަމުން ގެންދާ ޙަރަކާތްތަކާއި ޢަމަލުތަކަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ހަރަކާތްތަކެއްކަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ތަކުރާރުކޮށް ފާހަގަކުރަމުންދާތީ، އެ ފަދަ ކޮންޓެންޓް ގެނެސްދިނުމުގައި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު" އާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ވަނީ އެ ސަރކިއުލާގައި އަންގާފައެވެ.
ޤާނޫނާއި ގަވާއިދާ ތަޢާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފި ނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާ މެދު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ވަނީ ދީފައެވެ. ނަމަވެސް ހަވާލާދީފައިވާ އެއްވެސް ގާނޫނެއް އަދި ގަވާއިދެއްގައި އެފަދަ މައުލޫމާތެއް ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓަރުން އަމަލުކުރާނެ ގޮތެއް އަދި އަޅާނެ ފިޔަވަޅުތަކެއް ހިމެނިފައެއް ނުވެއެވެ. ބްރޯޑްކޮމް އިން ހަވާލާދީފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގައި ވަނީ ގައިދީން ބަލަހައްޓާ ފަރާތްތަކާއި ގައިދީންނާއި ގައިދީންގެ އާއިލާތަކުން އަމަލުކުރާނެ ގޮތެވެ.
ބްރޯޑްކޮމްއިން ނެރުނު ސަރކިއުލާއާ ގުޅިގެން ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ސާކިއުލާއަކީ ގާނޫނީ އެއްވެސް ބިންގަލެއް ނެތި، ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރު ނާޖާއިޒު ގޮތުގައި ހިފައި، ބްރޯޑްކާސްޓަރުންނަށް ބިރު ދައްކާ، މީޑިއާގެ މިނިވަން ކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް އަރައިގަތުމަށް ކުރި ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އެ ސަރކިއުލަރއަކީ ސިޔާސީ ބޭނުމަކަށް ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި ނެރެފައިވާ ސަރކިއުލަރއެއް ކަމަށް ވެސް ދެކޭ ކަމަށް ރާއްޖެ ޓީވީން ބުނެއެވެ.