ނިއު ޔޯކް ފެޝަން ވީކްގައި ހުރިހާ މޮޑެލް އިން ލައްވައި ބުރުގާ އަޅުވައިގެން މަޝްހޫރުކަން ހޯދި އިންޑޮނޭޝިއާގެ ފެޝަން ޑިޒައިނަރު އަނީސާ ހަސިބުއާން ޖަލަށް ލުމަށް އިންޑޮނޭޝިއާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
އަނީސާ އާއި އޭނާގެ ފިރިމީހާ، އަންދިކާ ސުރާޗްމަން 18 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައި ވަނީ އެ ދެމަފިރިންނާ ދެކޮޅަށް ހުށަހަޅާފައިވާ މަކަރާއި ހިޔަނާތުގެ މައްސަލައެއްގެ ޝަރީއަތަށް ފަހުއެވެ.

އެ ދެމަފިރިންގެ މައްޗަށް ސާބިތުވެފައި ވަނީ 'ފަސްޓް ޓްރެވަލް' ގެ ނަމުގައި އެ ދެމަފިރިން ހިންގާ ޓްރެވަލް އޭޖެންސީއަކުން އުމްރާއަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނަގާފައިވާ މައްސަލައެކެވެ.

އިންޑޮނޭޝިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ ދެމަފިރިން ވަނީ އެކި މީހުންގެ އަތުން އެކި ދުވަސްވަރު ޖުމްލަ 60 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދަކަށް ފައިސާ ހޯދާފައެވެ. މި ދެމަފިރިން ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނެގި ނަމަވެސް، އެއިން އެއްވެސް މީހަކު އުމްރާއަށް ގެންގޮސްދީފައެއް ވެސް ނުވެއެވެ.

'އިސްލާމީ ފެޝަން' ގެ ލީޑަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އަނީސާގެ ޑިޒައިންތައް ނިއުޔޯކުގެ އިތުރުން ލަންޑަނާއި، އިސްތަންބޫލާއި، ކޭންސްގައި ވެސް ވަނީ ދައްކާލާފައެވެ.