މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެނޑިޑޭޓުންނަށް ވާދަކުރެވޭނެ މަގުފަހި ކޮށްދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފިއެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ބުދަ ދުވަހު ބުނެފައިވަނީ އިދިކޮޅު ކެނޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ.
އެމޭރުމުން ވާހަކަ ދައްކަމުން އެޖަމިއްޔާއިން އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައިވާ ޑިރެކްޓަރު ބްރެޑް އެޑަމްސް ވިދާޅުވީ އިދިކޮޅު ކެނޑިޑޭޓުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާއެކު އެކޮމިޝަނުގެ މިނިވަންކަމާއި ހަމަހަމަކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ. ހަމައެހެންމެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ އިތުރުން ޕާޓީތައް އުވާލުމަށް ވެސް ކޮމިޝަނުން އިންޒާރުދީފައިވުމާއެކު އިންތިހާބުގެ މިނިވަންކަމާމެދު ވެސް މިހާރު ސުވާލު އުފެދިފައިވާ ކަމަށް އެޑަމްސް ވިދާޅުވިއެވެ.
މި މޭ މަހުގެ 20 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޝަރުތު ހަމަނުވާ ބޭފުޅަކު ވާދަކުރައްވާ ޕްރައިމަރީއެއް ހުއްޓުވާނެ ކަމަށާއި އެފަދަ ބޭފުޅަކަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ. މިގޮތަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު އިދިކޮޅު ހުރިހާ ލީޑަރުން ވެސް ތިއްބެވީ ޖަލު ހުކުމެއްގައި ނުވަތަ ހައްޔަރުގައެވެ.
ހަމައެހެންމެ އެޑަމްސް ވިދާޅުވީ ރައީސްކަމުގެ މަގާމުގައި ހުންނަވަން ރައީސް ޔާމީން ހުންނެވީ ކޮންމެފަދަ ކަމެއް ވެސް ކުރައްވަން ތައްޔާރަށް ކަމަށާއި އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ޖަމިއްޔާއިން ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުން ނިންމި ނިންމުންތަކަށް އަމަލުނުކުރުމަށް ރައީސް ޔާމީން ނިންމެވުމުގެ ސަބަބުން ރައްޔިތުންނަށް އިންތިހާބެއް ލިބިދާނެ ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ.
ގާނޫނު އަސާސީގެ 167 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަން ވާން ޖެހޭނީ މިނިވަން މުސްތަގިއްލު މުއައްސަސާއަކަށް ކަމަށެވެ. އެހެން ނަމަވެސް ދާދިފަހުން އެކޮމިޝަނުގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވި އަހުމަދު ޝަރީފްއަކީ ވެރިކަންކުރާ ޕީޕީއެމްގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.