ފުލުހުން މިއަދު ހުއްޓުވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހަވީރު 4:30 އާ ހަމައަށް 15،000 އެއްހާ މީހުން ވޯޓުލާފައިވާ ކަމަށާއި މިހާރު ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް ކަނޑައެޅިދާނެ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ 11،697 ވޯޓަކީ ޕާޓީގައި މިވަގުތު ތިބި މީހުންގެ ޖުމްލަ އަދަދުގެ 23 ޕަސެންޓް ކަމަށެވެ. ޕާޓީގެ އަސާސީ ޤަވާއިދު ބުނާ ގޮތުން ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެއް ކެނޑިޑޭޓަކު ކުރިމަތިލި ނަމަވެސް 10 ޕަސެންޓް ވޯޓު ހޯދަން ޖެހޭ ކަމަށާއި އެހެންކަމުން އެ 10 ޕަސެންޓަށް ވުރެ މަތިން ވޯޓުލާފައިވާ ކަމަށެވެ.
"ހަވީރު 4:30 އާ ހާމައަށް މިވަނީ އެގްޒިޓް ޕޯލް ނަގާފައި. އެގްޒިޓް ޕޯލް ދައްކާ ގޮތުން 11697 މީހުން ވޯޓުލާފައިވޭ. ޖުމްލަ 224 ވޯޓުފޮއްޓަށް. ރާއްޖެއިން ބޭރުން 235 ވޯޓުލާފައިވޭ. މާލޭގައި 1607 ވޯޓު. އައްޑޫގައި 1127 ވޯޓު. ހުރިހާ ރަށަކުން 8541 ވޯޓު. ނުހިމެނެނީ މާލޭގައި ތިބި އަތޮޅުތަކުގެ މީހުންގެ ވޯޓު ފޮއްޓަށް ލާފައިވާ އަދަދު. ޖުމްލަ 15000 އެއްހާ މީހުން ވޯޓުލާފައިވާނެ،" އަސްލަމް ވިދާޅުވިއެވެ.
އިރު އޮއްސޭއިރު އަސްލަމް ޕްރެސް ދެއްވަމުން ވިދާޅުވީ މިހާރު ވެސް ވޯޓުލުން ނުހުއްޓި ކުރިއަށްދާ ކަމަށެވެ.
"10 ޕަސެންޓް ހޯދަން ޖެހެނީ. ކުރިމަތިލެއްވީ ރައީސް ނަޝީދު. މިހާރު ވެސް 10 ޕަސެންޓަށް ވުރެ އިތުރަށް އެވަނީ ލިބިފައި. މިހާރު ވެސް ރައީސް ނަޝީދު އެވަނީ ކާމިޔާބު ކުރައްވާފައި. އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް މިހާރު ވެސް ރައީސް ނަޝީދު ކަނޑައެޅިދާނެ" އަސްލަމް ވިދާޅުވިއެވެ.