މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު އެޅުމަށް ގެންގުޅުނު ވޯޓު ފޮށިތައް ފުލުހުން ގެންދިއުމުން ސިމެންތި ގަށާ މެޝިނާއި އައިސް ބޮކްސް ފަދަ ތަކެއްޗަށް ވޯޓު އަޅަން ފަށައިފިއެވެ.
އެގޮތުން ލ. ގަމުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފުލުހުން އައިސް ގެންދިއުމުން ސިމެންތި ގަށާ މެޝިނަކަށް ވަނީ ވޯޓު ލާން ފަށައިފައެވެ. އަދި އއ. ރަސްދޫގައި ވަނީ ކަންނެލި އަޅާ އައިސް ބޮކްސްއަކަށް ވޯޓުލަން ފަށައިފައެވެ.

މީގެ އިތުރުން ބައެއް ރަށްރަށުގައި ވޯޓު ފޮށި ހިފައިގެން ގޭގެއަށް މެންބަރުންގެ ކައިރި އަށް ގޮސްގެން ވެސް އެމްޑީޕީން ދަނީ ވޯޓުލުން ކުރިއަށް ގެންދަމުންނެވެ. އަދި ކޮތަޅު ފަދަ ތަކެއްޗަށް ވެސް ދަނީ ވޯޓު އަޅަމުންނެވެ.
ތަފާތު ގޮތްގޮތަށް ވޯޓުލުން ކުރިއަށްގެންދާ އިރު ސިވިލް ކޯޓުން ވަނީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމުގެ އަމުރެއް ނެރެފައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަލީ އަބްދުﷲ ސޮއިކުރައްވައި ނެރުއްވި ވަގުތީ އަމުރުގައި ބުނެފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ބާއްވާ ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށާއި އެކަން ހުއްޓާލުމަށް އެމްޑީޕީއަށް އަންގާ ކަމަށެވެ. އަދި އެގޮތަށް ޕްރައިމަރީ ބާއްވާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް، އިލެކްޝަންސް ކޮމިޝަނުން އެދިގެން ނެރުނު އަމުރުގައި ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިއަމުރާ ގުޅިގެން އެމްޑީޕީން ވަނީ ކޯޓު އަމުރުގައި އެމްޑީޕީގެ ނަން ނެތް ކަމަށާއި އެ ކޯޓު އަމުރުގައި ނިސްބަތް ވަނީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީއަށް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ކަމުން ފުލުހުން އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުނެއެވެ.