ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެންގި އެންގުން ޖުމްހޫރީ ޕާޓީން ކުށްވެރި ކޮށްފިއެވެ.
މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މިނިވަން މީޑިއާތަކަށް ބްރޯޑްކާސްޓް ކޮމިޝަނުންނާއި، ހޯމް މިނިސްޓްރީން މެދުވެރި ކޮށްގެން މިސަރުކާރުން ދައްކަމުންދާ ބިރާ މެދު ކަންބޮޑުވާ ކަމަށެވެ. ސަމީރު ވިދާޅުވީ މިފަދަ އިންޒާރުތައް ދެމުންދަނީ ނޫސްވެރިންނަށް ބިރުދައްކައި، މީޑިއާތައް ފަހަތަށް ޖެއްސުމަށް ކަމަށެވެ.
ސަމީރު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީންނާއި، އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ނުވާ ކޮންމެ ކަމެއް ކުރުމުގެ ހައްގު ރައްޔިތުންނަށް ރާއްޖޭގެ ފެހި ގާނޫނު އަސާސީން ލިބިދީފައިވާ ކަމަށެވެ. އަދި ރައީސް ޔާމިންއަށް މިކަން ނުހުއްޓުވޭނެ ކަމަށެވެ. ސަމީރު ވިދާޅުވީ ހޯމް މިނިސްޓްރީއާ، ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކުގެ ފަހަތުން ދުވުމަށް ވުރެ ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާ އަދާކުރުން މުހިންމު ކަމަށެވެ.
"ޖަލުގެ ކަންކަން ރަނގަޅަކަށް ނުދޭ. ޖަލުތައް ކެޓަގަރައިޒް ކޮށްފައި ހުންނަނީ ނަމެއްގައި. ހޯމް މިނިސްޓަރު ފުރިހަމަ ޒިންމާ އަދާ ކޮށްގެން ޖަލުތަކުގެ ޕެރޯލް ގާނޫނުގައި ބަޔާން ކޮށްފައިވާއިރު އެމަނިކުފާނު އެޒިންމާތަކުން ރެކިވަޑައިގެން ހުންނަވަނީ. ރާއްޖޭގެ ނޫސްވެރިންނަށް އިންޒާރުދީ ކަންތައްތައް ކުރާ ކަމަށްވާ ނަމަ އަދި ނޫސްވެރިކަން ފަހަތަށް ޖައްސާ ރާއްޖޭގެ ރައްޔިތުންގެ ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބާރުއަޅާ އިންޒާރު ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ސަމީރު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ބޭނުންވާ ގޮތަކަށް ގާނޫނުތަކުގެ ނަހަމަ ބޭނުން ހިފަމުން ކަމަށެވެ. އެކޮމިޝަންގެ އަމަލުތަކުން ރައީސް ޔާމިންގެ ނޫފޫޒު ވަދެފައިވާ މިންވަރު ހާމަވާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
މިނިވަން ޕްރައިވެޓް ސްޓޭޝަންތަކާއި، ރޭޑިއޯތައް ބޮޑު އަގުގައި ޖޫރިމަނާ ކުރަމުންދާކަން ފާހަގަކުރައްވައި ސަމީރު ވިދާޅުވީ ރައީސް ޔާމިން މަސައްކަތް ކުރައްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށްވާއިރު، މިނިވަން މީޑިއާތައް ވުޖޫދުން ފުހެލުމަށް ކަމަށެވެ.
މީގެ އިތުރަށް ސަމީރު ވިދާޅުވީ ދައުލަތުގެ މީޑިއާ ވެސް ރައީސް ޔާމިންގެ އަމިއްލަ ޕްރޮމޯޓް ޗެނަލްއަކަށް މިހާރު ހަދާފައިވާ ކަމަށެވެ.