ނަޝީދަކީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއަކަށް ވާތީ ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަކީ މަނާކަމެއް ކަމަށާއި އެ އިންތިޚާބު ވަގުތުން ހުއްޓާލުމަށް ސިވިލްކޯޓުން އަމުރު ކޮށްފިއެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަލީ އަބްދުﷲ ސޮއިކުރައްވައި ނެރުއްވި ވަގުތީ އަމުރުގައި ބުނެފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ބާއްވާ ޕްރައިމަރީ ކުރިއަށް ނުގެންދިއުމަށާއި އެކަން ހުއްޓާލުމަށް އެމްޑީޕީއަށް އަންގާ ކަމަށެވެ. އަދި އެގޮތަށް ޕްރައިމަރީ ބާއްވާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް، އިލެކްޝަންސް ކޮމިޝަނުން އެދިގެން ނެރުނު އަމުރުގައި ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރު ނެރުނުއިރު މެންދުރު 2:00 ގައި އެ ޕްރައިމަރީގެ ވޯޓުލުން މުޅިރާއްޖޭގައި ވަނީ ފަށާފައެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްފި ނަމަ، އެ ޕާޓީ އުވާލާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ދީފައެވެ. އެމްޑީޕީން ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ވާދަ ކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ރައީސް ނަޝީދުގެ ކިބައިން އުނިވެފައިވާ ކަމަށާއި ސަބަބަކީ އެމަނިކުފާނަކީ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި ދަށު ކޯޓުން އެމަނިކުފާނަށް ކުރި ހުކުމަށް މަތީ ކޯޓުތަކުން ވެސް ތާއީދުކޮށްފައިވާ ކަމަށް އެމްޑީޕީއަށް އީސީއިން ފޮނުވާފައިވާ ސިޓީގައި ވަނީ ބުނެފައެވެ.