އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން ގޮނޑިތަކުގެ ތެރެއިން އަންނަ މަހު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑިއަށް ޤައުމެއް އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި އިންޑިއާގެ ތާޢީދު ދިނުމަށް އިންޑޮނީޝިއާ އިން އެދިއްޖެއެވެ.
އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފެށޭ ސަލާމަތީ މަޖިލީހުގެ ދައުރަށް ރާއްޖެއާ ވާދަކުރަނީ އިންޑޮނީޝިއާއެވެ.
އިންޑިއާގެ ތާޢީދަށް އިންޑޮނީޝިއާ އިން އެދުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ތިން ޤައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި އަންގާރަ ދުވަހު އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާއަށް ވަޑައިގަތުމުންނެވެ. މުހައްލިލުން ބުނާ ގޮތުގައި މިދަތުރުފުޅުގެ ކާމިޔާބީ ގުޅިފައި ވަނީ ސަލަމާތީ މަޖިލީހުގެ ގޮނޑީގެ އިންތިޚާބުގައި އިންޑިއާ އިން އިންޑޮނީޝިއާއަށް ތާޢީދުކުރުމަށް ނިންމުމާއެވެ.
އިންޑޮނީޝިއާ އިން ވަނީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އެޤައުމުން ކުރަމުންދާ މަސައްކަތަކީ އެޤައުމުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސްކަންދޭ ކަންތަކަށް ހަދާފައެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑި ކަށަވަރުކުރުމަށް 129 ޤައުމުގެ ވޯޓު ބޭނުންވާއިރު، އިންޑޮނީޝިއާ އިން މިހާރު ވަނީ 120 އަށް ވުރެ ގިނަ ޤައުމުގެ ތާޢީދު ކަށަވަރުކޮށްފައެވެ.
ރާއްޖެއަށް ތާޢިދުކުރާނެ ކަމަށް އިންޑިއާ އިން ކުރިން ބުނެފައިވީ ނަމަވެސް، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ގޯސްވެފައިވުމުންނާއި، އދ. ގެ ނިންމުންތަކަށް ރާއްޖެ އިން އިހްތިރާމް ނުކުރާ މައްސަލައިގައި އިންޑިއާގެ ވިސްނުން ބަދަލުކުރާނެ ކަމަށް ބެލެވޭކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަނެއްކޮޅުން ދެކުނު އިރުމަތީ އޭޝިއާގެ ހުރިހާ ޤައުމަކުން އިންޑޮނީޝިއާއަށް ތާޢީދުކުރާއިރު، އާސިއާންގެ މެމްބަރު ޤައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅުކުރުމުގެ ބޭނުމުގައި ވެސް އިންޑިއާ އިން އިންޑޮނީޝިއާއަށް ތާޢިދުކުރާނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާގެ ނޫސްވެރިން ބުނެއެވެ.
މީގެ އިތުރުން އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ ވާދަވެރިކަން އިންތިހާއަށް އިތުރުވެފައިވާއިރު، އިރުމަތީގެ ޤައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް އިންޑިއާ އިން ކުރަމުންދާ މަސައްކަތުގައި އިންޑޮނީޝިއާގެ އެހީތެރިކަމަކީ އިންޑިއާއަށް މުހިއްމު އެއްޗަކަށް ވާނެއެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތާޢީދު ހޯދަން އިންޑޮނީޝިއާއިން މަސައްކަތްކުރަމުންދާއިރު، ރާއްޖެއިން މިދަނޑިވަޅުގައި މަސައްކަތްކުރަނީ އެފްރިކާގެ ޤައުމުތަކާއި، ކުދި އަދި ފަޤީރު ޤައުމުތަކުގެ ތާޢިދު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް އދ. ގެ ނިންމުންތަކަށް ރާއްޖެއިން އިހްތިރާމްނުކުރާ މައްސަލައިގައި ޤައުމުތަކުން ރާއްޖެއާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.