ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގްވާމީ ޤުރުއާން މުބާރާތް "އަލް ނޫރު އަލް މުބިން"ގެ މުޅި މުބާރާތުން ތިންވަނަ ހޯދި އަޝްރަގް ނާޒިރަށް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ފަރާތުން އޭނާއަށް ސްކޮލަޝިޕެއް ދީފި އެވެ.
އައިޔޫއެމް އިން ބެޗްލާސް އޮފް ޓީޗިން ޤުރުއާން ވިތް އޮނާސް ޕްރޮގްރާމްގައި ކިޔަވަމުންދާ މ. ވޭވަށް، ފެހިފާރުދާގެ، އަޝްރަގަށް އައިޔޫއެމްގެ ފަރާތުން ސްކޮލަޝިޕް ހަވާލުކުރީ އެ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
އަޝްރަގުގެ އަގުވަޒަން ކުރުމުގެ ގޮތުން އައިޔޫއެމްގެ ފަރާތުން ހަވާލުކުރީ ޓިއުޝަން ފީ ސްކޮލަޝިޕެކެވެ.
އަޝްރަގާ ބައްދަލުކުރައްވައި ޑރ. ޝަހީމް ވިދާޅުވީ ޤުރުއާން މުބާރާތުގައި އަޝްރަގް ހޯދި ކާމިޔާބީއަކީ އައިޔޫއެމްއަށްށާއި، މުޅި ގައުމަށް ވެސް ހޯދައިދިން ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަދި މުސްތަގްބަލުގައި ވެސް އެ ޔުނިވާސިޓީގެ ދަރިވަރުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.