ފްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދެވި ލީޑަރު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމްގެ މެންބަރުން އަޑު އުފުލަންޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ ޖަމީލު ވިދާޅުވީ ރައީސް މައުމޫނަކީ ކުށްވެރިއެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ހަމައެކަނި ކުށަކީ މި ސަރުކާރުގެ ޢައިރު ގާނޫނީ އަމަލުތަކާއި މެދު ބަސް ވިދާޅުވެ އެކަންކަން ރަނގަޅު ކުރުމަށް އިސްލާހީ މަސައްކަތަށް ނުކުތުން ކަމަށް ޑރ ޖަމީލު ވިދާޅިވި އެވެ.
ޑރ ޖަމީލު ވިދާޅުވީ އެތައް ދުވަހެއް ވަންދެން ގައުމަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅަކު ކުށަކާ ނުލާ މިފަދަ ގޮތަކަށް ހައްޔަރުކޮށް އަނިޔާވެރިވުމަކީ ލަދުވެތި ކަމެއް ކަމަށާއި، މަންޒަރު ބަލަން ތިބުމަކީ ވެސް ލަދުވެތި ކަމެއް ކަމަށެވެ.
އެގޮތުން ޕީޕީއެމް އުފެއްދެވި ލީޑަރުގެ ހައިސިއްޔަތުން އެމަނިކުފާނު މިނިވަން ކުރުމަށް ޕީޕީއެމްގެ މެންބަރުން ގޮވާލަންޖެހޭ ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.
ރައީސް މައުމޫން ޖަލަށް ބަދަލު ކުރެވުނު ގިނަ ދުވަސްތަކެއް ފާއިތުވެގެން ވަނީ ގޮސްފައެވެ. އަދި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ (ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެކެވެ.
އެ ހާލަތު މެދުވެރި ވަނީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ބޮލަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. ބީޕީޕީވީއަކީ ކަންފަތުގެ އެތެރެއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ.
އެ ހާލަތު ކުރިމަތިވުމުން ބޮލަށް ގެންނަ ހަރަކާތެއްގެ ސަބަބުން ބެލެންސުން ނެއްޓި މީހާ ވެއްޓޭ ގޮތް މެދުވެރިވެދާނެއެވެ. އަދި އެ ހާލަތު ކުރިމަތިވާ މީހާއަށް އޭނާގެ ވަށައިގެން ހުންނަ އެއްޗެހި އެބުރޭހެން ހީވެދާނެއެވެ. އޭގެ އިތުރުން ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ. އަދި 24 ގަޑިއިރު ރައީސް މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ ހާލު ބެއްލެވުމަށް މީހަކު ބެހެއްޓުމަށް ޑރ ވަނީ ލަފާދެއްވާފަ އެވެ.
އެހެންކަމުން އެމަނިކުފާނު ބަންދުން ދޫކޮށްދިނުމަށާއި ބަންދުން ދޫކޮށްދެވެން ނެތް ނަމަ، ގޭބަންދަށް ބަދަލު ކޮށްދިނުމަށް އެދުނު ނަމަވެސް ރައީސް މައުމޫންގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.