ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރޭނެކަމަށާއި، ރިޔާސީ އިންތިޚާބު އެއް ބުރުން ކާމިޔާބުކުރާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީގެ ކެމްޕޭން ފެއްޓެވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ އިސް ބައެއް ފަރާތްތަކުން އެމަނިކުފާނަށް ބަހުގެ ހަމަލާތައް ރައްދުކުރަމުން ދަނިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން "އެއް ބުރުން އިންތިޚާބު ކާމިޔާބުކުރާނެކަމަށާއި، ހަމަ ޖެހޭނީ ތެޅި ތެޅި ތިބެން"ކަމަށެވެ.
Allah iraadha kureviyyaa alhugandumen 1 candidate nereynan. Adhi riyaasee inthihaab 1 burun kaamiyaabves kuraanan. Hama jeheynee thelhi thelhi thiben. InSha Allah
— Qasim Ibrahim (@qasimibrahim) May 29, 2018
"ޖެހޭނީ ތެޅި ތެޅި ތިބެން"ކަމަށް ވިދާޅުވެ ޤާސިމް ބަހުގެ ޙަމަލާ ދެއްވީ ބެލެވެނީ ސަރުކާރަށާއި ވެރިކަންކުރާ ޕާޓީ ޕީޕީއެމްއަށް ކަމަށެވެ.
އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ މެދުގައި މިމައްސަލައިގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެން ފެށީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ނުކުންނެވުމުން ރައްޔިތުން މާޔޫސްވެއްޖެކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވުމާއި ގުޅިގެންނެވެ. މިމައްސަލައިގައި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރުމަށް އެކުލަވާލި އިދިކޮޅު އިއްތިހާދުގެ ކޮމެޓީގައި ޖުމްހޫރީ ޕާޓީގެ ދެ ބޭފުޅުން ތިއްބަވާ ކަމަށެވެ. އަދި އިދިކޮޅު އިއްތިހާދުގައި އެއްބަސްވެފައި ހުރި ކަންކަން އެ ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ބެލެވެނީ ދުރުގައިި ތިބި ބޭފުޅުންނަށް ކަންކަން ސާފުވެފައިި ހުންނަލެއް ކުޑައީކަން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.